31 May 2015, 16:54
ސިންގަޕޫރު (މޭ 31) : ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ހުންނެވި ހޮޓަލުގެ ބޭރުގައިވާ ޗެކްޕޮއިންޓަށް މަޑުނުކޮށް ވަރަށް ބާރަށްދިޔަ ކާރަކަށް ސިންގަޕޫރު ފުލުހުން ފަތިހު ބަޑިން ހަމަލާދީ އެކަކު މަރާލައި އިތުރު ދެ މީހުން ހައްޔަރުކޮށްފި އެވެ.
އޭޝިއާ ޕެސިފިކް ގައުމުތަކުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި ކާޓަރު ހުންނެވި ހޮޓަލަކީ ޝަންގްރިލާ ހޮޓަލެވެ. އެހޮޓަލުގެ ކުރިމަތީގައި ހަރަކާތްތެރިވާ ސިންގަޕޫރު ފުލުހުން ބުނީ ޗެކްޕޮއިންޓްގެ ކައިރިން ކާރު ހުއްޓުވުމަށްފަހު ކާރުގެ ދޮރު ހުޅުވަން ބުނުމުން ދޮރުނުހުޅުވައި ބެރިކޭޑް ފަޅާލުމަށް ފަހު ބާރަށް ކާރު ދުއްވާލީ ކަމަށާ އެހެންކަމުން ފުލުހުން ބަޑިޖަހައިގެން ކާރު ހުއްޓުވައި އޭގައިތިބި ތިންމީހުންގެ ތެރެއިން ދެމީހުން ހައްޔަރުކުރީ ކަމުގަ އެވެ. ތިންވަނަ މީހާއަކީ ފުލުހުންގެ ޙަމަލާގައި މަރުވި މީހާކަށް ވެސް ފުލުހުން ބުނެ އެވެ.
މިޙާދިސާއަށް ފަހު ސިންގަޕޫރުގެ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހާލަތު މިހާރު ހަމައަކަށް އެޅުވިއްޖެ ކަމަށާއި ނަމަވެސް މި މައްސަލަ ތަހްގީގް ކުރަމުން ގެންދާކަމުގަ އެވެ. އޭޝިއާ ޕެސިފިކް ގައުމުތަކުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުން ވެސް ކުރިޔަށްދަނީ މިހޮޓަލުގަ އެވެ.
މިޙާދިސާއާ ގުޅިގެން ޝަންގްރިލާ ހޮޓަލުގެ ކުރިމަތީގައާއި ބޭރުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މި ސަމިޓްގައި އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރުގެ އިތުރުން އޭޝިޔާއާއި ޕެސިފިކް ގައުމުތަކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ދިފާއީ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިހާދިސާގައި އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު އެމެރިކާގެ ދިފާއީ ވަޒީރު މިއަދު މެންދުރު ފަހު ވަނީ ވިއެޓްނާމަށް ފުރަވަޑައިގެންފަ އެވެ. (ބީބީސީ)