ކުރީގެ ބަންޑާރަ ނައިބު ކަމާއި އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޑރ. މުހަންމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ 300 މީހުން ހަމަކޮށްގެން ރޭ ބާއްވައިފި އެވެ.

އެ ޕާޓީ އުފެއްދުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ އަދަދަށް 300 މީހުން ހަމަނުވުމުން ޖަލްސާ ކެންސަލްކޮށްފަ އެވެ.
ރޭގެ ޖަލްސާގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ ގޮތަށް އެމްއާރުއެމްގެ ލޯގޯ އާއި ނަމާއި މަގުސަދާއި އަދި ދިދަ ވެސް ފާސްކޮށްފަ އެވެ. އަދި އެ ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީ އާއި އަސާސީ ގަވާއިދު ވެސް ރޭގެ ޖަލްސާގައި ފާސްކުރި އެވެ.

ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޖަލްސާއަށް ވަޑައިގެންނެވި ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ހޮއްވެވި ޑރ. މުނައްވަރެވެ. އެމްއާރްއެމްގެ އެންމެ އިސްމަގާމު ކަމަށްވާ ޕާޓީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަށް ހޮވާފައި ވަނީ ޑރ. މުހަންމަދު މުނައްވަރެވެ.

ކުރިއެކޭ ވެސް އެއްގޮތަށް ޑރ. މުނައްވަރު ރޭ ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފަ އެވެ. އޭނާ އެންމެ ބޮޑަށް އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވީ އެ ޖަލްސާ ބާއްވާކަން މީގެ ތިން ދުވަސް ކުރިން އެ ކޮމިޝަނަށް އަންގާފައި ވަނިކޮށް އެ ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވާ 3000 މީހުންގެ ތެރެއިން ބައެއް މީހުންގެ ސޮއި ސައްހަ ނޫން ކަމަށް އިއްޔެ ކުއްލި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އެންގެވުމުންނެވެ.

"ދެން އޮތީ އެހެންކަހަލަ ސިޓީއެއް. އޮނަތިރީސް ޑިސެމްބަރުގައި އަޅުގަނޑުމެން ހުށަހެޅި ފޯމްތަކުގެ ތެރެއިން ސައްހަ ކަމަށް އެބޭފުޅުން ބެއްލެވި އަދަދުގެ ތެރެއިން 26 ބޭފުޅަކު ވަކިވެ ވަޑައިގަތް ވާހަކަ. އެހެންވީމާ މިހާރު އަޅުގަނޑުމެން ހަމަކުރަން ޖެހޭ އަދަދެއް ކަމަށް ވިދާޅުވެފައި އޮތީ 400 ކޮންމެވެސް ވަރެއް. މީގައި ގާނޫނީ ވަރަށް ބޮޑު މައްސަލައެއް އެބަ ނުކުމޭ،" ޑރ. މުނައްވަރު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވަނީ ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއޭގެ ލީޑަރު އަބުދުﷲ ޔާމީންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންފަ އެވެ.