31 May 2015, 15:45
(ޖެނީވާ، ސްވިޒަލޭންޑް. އޭޕީ) އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ދުއްވި ބައިސިކަލެއް އެކްސިޑެންޓްވެ އޭނާ ޒަހަމްވެގެން ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި އެވެ.
ފްރާންސްގެ ޝިއޮންޒިއާ ނަމަކަށް ކިޔާ ރަށުގައި ހިނގި އެ ހާދިސާގައި ކެރީގެ ފަޔަށް އަނިޔާވެފައި ކަމަށާއި އެހެން ނަމަވެސް އޭނާގެ ހެއަށް ގޮތް ނުވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ. ކެރީ ޒަހަމްވި ހާދިސާ ހިނގީ ފްރާންސްގައި ކަމަށް ވިޔަސް އޭނާ އެޑްމިޓްކޮށްފައި ވަނީ ސްވިޒަލެންޑްގެ ޖެނީވާގައި ހުރި ހުންނަ ހޮސްޕިޓަލެއްގަ އެވެ. އެހޮސްޕިޓަލަށް ކެރީ ގެންދިޔައީ ހެލިކޮޕްޓަރެއްގައި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
ކެރީ އެޑްމިޓްކޮށްފައި މިވަނީ މިއަދުގެ ފަހުގެ ވަގުތެއްގައި ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރާއި ބައްދަލު ކުރުމަށް އެގައުމުގެ ވެރިރަށް މެޑްރިޑަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ.
ގައުމުތަކަށް ކުރާ ޑިޕްލޮމެޓިކް ދަތުރުތަކުގައި އަމިއްލަ އަށް ބައިސިކަލް ދުއްވުމަކީ ކެރީ އާއްމުކޮށް ކުރާ ކަމެކެވެ.