ދުންފަތް ކޮންޓުރޯލް ކުރުމުގެ އާންމު ގަވައިދު ގެޒެޓް ނުކޮށް ރައީސް އޮފީހުގައި ބާއްވާފައިވާތީ އެ ގާނޫނު ތަންފީޒް ނުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ ގަވައިދު ރައީސް އޮފީހުން ގެޒެޓް ނުކޮށް ބާއްވާތާ މިހާރު ތިން އަހަރު މިވަނީ ވެފަ އެވެ. އެގަވައިދު ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައި ވަނީ އެޓާނީޖެނެރަލް އޮފީހުން ވެސް އެގަވައިދު ފާސްކުރުމަށްފަހު އެވެ. އެގަވައިދަކީ ކަމާ ގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން ހިމެނޭ ބޯޑަކުން އެކުލަވާލާފައިވާ ގަވައިދެކެވެ.

އެގަވައިދު ގެޒެޓް ނުކުރުމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ގުޅުުން ފޯނަށް ޖަވާބް ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ދުންފަތުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ހަދާފައިވާ "ދުންފަތް ކޮންޓުރޯލް ކުރުމުގެ" ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާންމު ގަވައިދު ގެޒެޓް ނުކުރާތީ އެގާނޫނު ޖުމުލަކޮށް ތަންފީޒް ނުކުރެވޭ ކަމަށެވެ.

"ކޮންޓުރޯލް ކުރުމުމުގެ ޖުމުލަ މަސައްކަތައް އެގަވައިދު ވަރަށް މުހިންމު އެގަވައިދުގައި މިހިރީ ގާނޫނުގެ މާއްދާތައް، ހަމައެކަނި މިހާރު މިއަމަލު ކުރެވެނީ ސީދާ ދުމުން މީހުން ރައްކާތެރި ކުރުމުގެ ގޮތުން މިއިންނަ މާއްދާ އެކަނި ގާނޫނުން ދެން ގާނޫނުގައި ހުރި މާއްދާތައް މިހިރީ އާންމު ގަވައިދަށް ލާފައި، އާންމު ގަވައިދު ތަންފީޒް ނުކުރާތީ ގާނޫނު ޖުމުލަ ގޮތެއްގައި ތަންފީޒް ނުކުރެވޭ." ހަސަން ވިދާޅުވި އެވެ.

އާންމު ގަވައިދުން ގެޒެޓްކޮށް ތަންފީޒް ކުރުމުން ދުންފަތް ކޮންޓުރޯލް ކުރުމުގެ ގިނަ ކަންތައްތަކެއް ތަންފީޒް ކުރެވޭނެ ކަމަށާއި އެގަވައިދުގެ ދަށުން ކުޑަކުދިންނަށް ސިނގިރޭޓް ވިއްކުމާއި އިސްތިހާރު ކުރުން ހުއްޓުވޭނެ އިރު ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތައް މޮނީޓާ ކުރެވޭނެ އުސޫލްތަކެއް ކަނޑައެޅިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.