ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމުގެ ކުށުގައި މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ނަޖީބު މަރާލި މައްސަލައިގައި މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މުއްރަތު މެރުމަށް 2012 ވަނަ އަހަރު ހައިކޯޓުން ކުރި ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަން މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންނަށް ވެސް އެއްވެސް ހިލާފެއް ނެތި އެއްބަސްވެވޭ ކަމަށެވެ.

މިއަދު މެންދުރު ފަހު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ނަޖީބު މަރާލިކަމަށް ދަށު ކޯޓުގަ އާއި ހައިކޯޓުގައި ވެސް މުއްރަތު އިއުތިރާފުވެފައި ވާ ކަމަށެވެ. އަދި މުއްރަތާއި ދެކޮޅަށް ދައުލަތުން ދަށުކޯޓަށް ހުށަހެޅި ހެއްކާ ގަރީނާ އަށް އޭނާ ދަށު ކޯޓުގައި އިއުތިރާފުވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ނަޖީބް މަރާލި ކަމަށް މުއްރަތު އެއްބަސްވެފައިވާ އިރު އިއުތިރާފަކީ އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރުމުގެ އެންމެ ހަރުދަނާ ވަސީލަތް ކަމަށާއި އެކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޖުމްހޫރު އިލްމުވެރިންނާއި ހަވާލާދެއްވައި ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވީ އެހެން މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފުވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

ނަޖީބު މަރާލި މައްސަލާގައި މުއްރަތުގެ މައްޗަށް "ގިސާސް ހިފުން ނޫންގޮތެއް ނެތް" ކަން ފާހަގަކުރައްވާ ފަނޑިޔާރު ވިދާޅުވީ ގަސްތުގައި މީހަކު މެރިކަމުގެ ކުށް މުއްރަތުގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެމަރަކީ ގަސްތު މަރުގައި ފުރިހަމަވާން ޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވާ މަރެއް ކަމަށެވެ.

އަދި ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަމުން ނަޖީބު މަރާލާފާއި ވަނީ ބުއްދި ސަލާމަތުން ނެތް ހާލުގައި ވާނުވާ ނޭންގިގެން ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކާއި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާ އިރު، ނަޖީބު މަރާލާފައި ވަނީ ބުއްދި ސަލާމަތުން ނެތިކަން ގަބޫލުކުރެވެން ނެތް ކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރު ޣަނީ ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު އަލީ ސަމީރެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.

ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.

މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް އިސްތިއުނާފުކޮށްފަ އެވެ. އެމައްސަލާގައި ވެސް ދެން އޮއްނާނީ އެންމެ ފަހުގެ އަޑުއެހުމެވެ.