މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތަށް ނޫސްވެރިން ނުވައްދަން އެ މައްސަލަ ބައްލަވާ ގާޒީ ސައީދު އިބްރާހީމް ނިންމަވައިފިއެވެ.

މިއަދު 11:00 އަށް ތާވަލްކުރި އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ނޫސްވެރިން ދިޔުމުން ކްރިމިނަލް ކޯޓުގެ ކައުންޓަރުގައި ތިބި މުވައްޒަފުން ބުނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށާއި ގާޒީ ވަނީ އެގޮތަށް ނިންމާފައި ކަމަށެވެ.

ނޫސްވެރިންނަށް ޝަރީއަތަށް ނުވަދެވެނީ ކީއްވެގެންތޯ ދެންނެވުމުން ކޯޓުގެ މުވައްޒަފު ބުނީ އެއީ ކީއްވެގެންކަން ބުނަން ނުޖެހޭނެ ކަމަށެވެ.

މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ވެސް ނޫސްވެރިން ވައްދާފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ޕީޖީ އޮފީހުން އެދިގެން ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާޒިންގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ނޫސްވެރިން ނުވެއްދުމަށް އެ އޮފީހުން ކޯޓުގައި އެދިފައިނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުން ޝަރީއަތުގެ އަޑުއެހުން ސިއްރުކުރަން އެދިފައިނުވާނެ ކަމަށާއި ދައުލަތުން ހަމައެކަނި އެދިފައި ވަނީ ހެކީންގެ ހެކިބަސް ސިއްރުން ނަގައިދިނުމަށް ކަމަށެވެ.

މިހާތަށް ރާއްޖޭގައި ހިނގައިދިޔަ ހުރިހާ މަރުގެ މައްސަލަތަކުގެ ޝަރީއަތަށް ވެސް ނޫސްވެރިން ވައްދާފައިވާއިރު، ހަމައެކަނި މި މައްސަލައިގެ ޝަރީއަތަށް ނޫސްވެރިން ނުވައްދަން އުޅެނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މާޒިން މަރާލި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު އާއި އއ. މާޅޮސް މީނާޒު އިސްމާއީލް އުޝާމް އާއި ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމްގެ އިތުރުން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިންގެ މައްޗަށް ކަމަށެވެ. އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވެ އެވެ. އޭނާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެ ހޮސްޕިޓަލްގެ ޑޮކްޓަރުން އޭނައާ މެދު އުންމީދު ކަނޑާލުމުން، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

އޭނާ މަރާލާފައި ވަނީ އެހެން މީހަކު ކަމަށް ހީކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.