31 May 2015, 14:57
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދާ ހިލާފްވި 63 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މި އަހަރު މިހާތަނަށް އެ ގަވައިދާ ހިލާފުވި 63 ތަނެއް 89 ފަހަރު އެޗްޕީއޭ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ވަނީ 193 ތަނެއް 337 ފަހަރު ޖޫރިމަނާކޮށްފަ އެވެ.
ޖޫރިމަނާކޮށްފައި ވަނީ ހުއްދަނުނަގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ފުރުސަތު ދީފައިވާ ތަންތަނާއި ހުއްދަ ހޯދައިގެން ނަމަވެސް ހުއްދަ ހޯދި ސަރަހައްދު ފިޔަވައި އިތުރު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ދީފައިވާ ތަންތަނުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ލިޔުންތައް ނުބަހައްޓާ ތަންތަން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ 63 ތަން ޖޫރިމަނާކޮށްފައި ވަނީ 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދުތަކުންނެވެ.
އެޗްޕީއޭ އިން ވަކިވަކި ވިޔަފާރިތައް ޖޫރިމަނާ ކުރަމުންދާ އިރު ފުލުހުން ދަނީ ގަވައިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލް ކުރާ ވަކިވަކި ފަރާތްތައް 500 ރުފިޔާ އިން ޖޫރިމަނާ ކުރަމުންވެ. ނަމަވެސް އެގާނޫނު އެންމެ ފުރިހަމައަށް ތަންފީޒެއް ނުކުރެވެ އެވެ.
އެ ގަވައިދު ތަންފީޒު ނުކުރެވުމާ ގުޅޭ ގޮތުން، ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، އެ ގަވައިދު އެންމެ އެކަށިގެންވާ ވަރަށް ތަންފީޒު ނުކުރެވެނީ މީހުން ގާނޫނާއި ގަވައިދަށް އިހުތިރާމް ނުކުރުމެވެ. ހަމައެއާ އެކު ހޮޓާ ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރުމާއި އެކަން ހުއްޓުވުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކުން އެކަން ކުރާ މިންވަރު ދަށްވުން އެއީ ގާނޫނު ތަންފީޒް ކުރުމަށް ހުރި ގޮންޖެހުންތައް ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު އަލަށް އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އެ މީހެއް 500 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވެސް އެގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ތަފާތު އެތައް އަދަބެއް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެ އެވެ.