ޗައިނާގައި ބާއްވާ ވިޔަފާރީގެ ބޮޑު ފެއާއެއް ކަމަށްވާ 23 ވަނަ "ކުންމިން ފެއާ"ގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު 'ސަން'އަށް ވިދާޅުވީ އަންނަ މަހު 12 އިން 16 އަށް ޗައިނާގެ ކުންމިންގައި ފަށާ އެފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ. އެފެއާގެ ތެރެއިން ޗައިނާއާއި ބޭރުގެ އެހެންގައުމުތަކުގެ ވިޔަފާރި ކުންފުނިތަކާ ގުޅުންބަދަހިކޮށް ނެޓްވޯކް ގާއިމް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ވިޔަފާރިތަކަށް ރަނގަޅު ޕުލެޓް ފޯމެއް މިއީ އެމީހުން އިސްވެސްޓަރުންނާއި ބައްދަލުވުމާއި ޗައިނާގެ އެކްސްޕޯޓް ކުރާ ފަރާތްތަކާއި ބައްދަލުވުމާއި ވިޔަފާރި ނެޓްވޯކިންއަށް ރަނގަލު ޕުލެޓް ފޯމަކަށް ވެގެންދާނެ،" ތައުފީގު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓުރީއާ ގުޅައިގެން ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހުރިހާ ހަރަދެއް ކުރަން ޖެހެނީ ފެއާގައި ބައިވެރިވާ ފަރާތްތަކުން އަމިއްލައަށެވެ.

އެ ފެއާގައި ވިޔަފާރި އާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު 10 ވަނަ ސައުޓް އޭޝިއާ ބިޒުނަސް ފޯރަމްގައި ބައިވެރިވެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފަ އެވެ.