ބޭންކް އޮފް މޯލްޑިވްސް 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ އެއްމެން ފަޚުރިވެރިވާ ފަދަ ބޭންކަކަށް ހެދުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށެވެ. މިއީ އުފާވެރި ވާހަކަ އެކެވެ. ލޯގޯ ގައި ދޯންޏެއް ރަމްޒްކޮށްދޭ ބޭންކުގެ ދުވެލި ރަނގަޅު މިސްރާބަކަށްދާ ކަމުގެ މިސާލެކެވެ. ބޭންކުން 'ވައުދު' ފުރިހަމަ ކުރުމުގައި ހަމައެކަނި ދައްކަނީ މޮޅު ވާހަކަތަކެއް ނޫނެވެ. އަމަލީ ގޮތުން ވެސް އެކަން ދަނީ ދައްކަމުންނެވެ. ދެހާސްސާދަ ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ވަނީ ހިއްސާދާރުންނަށް ބަހަން ފާސްކޮށްފަ އެވެ. އެގޮތުން ހިއްސާއަކަށް 16 ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ. ދެހާސްތޭރަ ވަނަ އަހަރު ބަހާފާވަނީ ހިއްސާއަކަށް 15 ރުފިޔާ އެވެ. ފާއިތުވި 2014 ވަނަ އަހަރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 518 މިލިއަން ރުފިޔާ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފާ ވަނީ 596 މިލިއަން ރުފިޔާ އެވެ.

ކުންފުނީގެ އަހަރީ ޖަލްސާއަކީ ހިއްސާދާރުންނާއި ކުންފުނީގެ ބޯޑާއި ބައްދަލުވެ މަޝްވަރާ އާއި ޚިޔާލު ބަދަލުކުރުމަށް ލިބޭ ފުރުސަތެކެވެ. މިފަހަރުގެ އަހަރީ ޖަލްސާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުގެ ތެރެއިން ގިނަ ހިއްސާދާރުން ބޭންކަށް ތައުރީފްކޮށްފާވާ އިރު ބައެއް ހިއްސާދާރުން ވަނީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށްފަ އެވެ.

"އާންމު މީހަކު ބޭންކަށް ގުޅަންވެއްޖިއްޔާ ވަަރަށް ބޮޑު ތަކުލީފަކަށްވޭ،" ހިއްސާދާރަކު ވިދާޅުވި އެވެ. ބޭންކުން ކަމެއް ސާފުކޮށްލަށް ބޭނުންވެއްޖެއްޔާ އެކަން ކުރެވެނީ ކޮންމެވެސް ރައްޓެއްސަކު މެދުވެރިކޮށް ކަމަށް އެ ހިއްސާދާރު ވިދާޅުވި އެވެ.

ބޭންކުގެ މުއައްޒަފުންގެ ތެރެއިން ރަނގަޅަށް މަސައްކަތްކުރައްވާ ފަރާތްތަކަށް މުސާރު ބޮޑު ކުރުމަށް ވެސް ހިއްސާދާރަކު ވަނީ ހުށަހަޅުއްވައިފަ އެވެ.

ހިއްސާދާރުން ދިވެހި ބަހުން ކުރަމުން ދިއަ ސުވާލުތައް ތަރުޖަމާކުރުމުން އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންޑްރޫ ވިދާޅުވީ ޕާފޯމެންސަށް ބެލުމަށް މުސާރައަށް ބަދަލުގެންނާނެ ކަމަށެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން: ފޮޓޯ: ބީއެމްއެލް

ބޭންކުގައި ގިނަ ދުވަސްތައްވީ ކަސްޓަމަރުން އެހެން ބޭންކުތަކަށް ބަދަލުވަމުންދާ ކަމުގެ ވާހަކަ ލިބޭ ކަަމަށް ހިއްސާދާރަކު ވިދާޅުވުމުން އެންޑްރު ވިދާޅުވީ ފާހަގަކުރެވޭ ވަރަށް އެފަދަ މައްސަލައެއް އުޅޭ ކަމަށް ނުފެންނަ ކަމަށާއި ނަމަވެސް އަބަދުވެސް ކަސްޓަމަރުން ކޮންމެވެސް ވަރަކަށް ބަދަލުވަމުންދާނެ ކަމަށެވެ.

އަމިއްލަ ޖަމާއަތްތައް މެދުވެރިވެގެން ހައްޖަށްދާ މީހުންނަށް ޑޮލަރުލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް ހިއްސާދާރަކު ވިދާޅުވި އެވެ. މިސުވާލަށް ޖަވާބު ދެއްވަމުން އެންޑްރޫ ވިދާޅުވީ ހައްޖާދާ މީހުންނަށް ފަސޭހަކަމާ އެކު ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރާ ކަަމަށެވެ. އަދި ހައްޖާދާ މީހަކަށް ޑޮލަރު ނުލިބިގެން އެކަމަގެ ސީރިއަސް ޝަކުވާއެއް އައިސްފާނުވާކަމަށް ވެސް ވިދާޅުވި އެވެ.

ބޭންކުގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ ހިދުމަތަށް ހިއްސާދާރަކު ވަނީ ތައުރީފްކޮށްފަ އެވެ. އަދި ބޭންކުގަ އޮންނަ ކިއު މިހާރު ވަަރަށް ބޮޑަށް ކުޑަވެފަވާ ކަމަށް ވެސް ހިއްސާދާރަކު ވިދާޅުވި އެވެ. އަދި ބޭންކު އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުހާ ޕްރޮފެޝަނަލް ޑިރެކްޓަރުންގެ ބޯޑެއް ރާއްޖޭގެ އެހެން ކުންފުންޏެއްގައި ނެތްކަމަށް ވެސް ހަމަ އެ ހިއްސާދާރު ވިދާޅުވި އެވެ.

"މި ބޭންކް މިއަދު ހޯދާފާ ކުރިއެރުމާ ތަރައްގީ އަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާންޖެހޭ ކަމެއް،" ހިއްސާދާރަކު ވިދާޅުވި އެވެ.

ބޭންކުގެ ހައުސިން ލޯނު ސްކީމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހިއްސާދާރަކު ވިދާޅުވީ "ހައުސިން ލޯން ސުކީމް ނެގުމުގައި ދަތިތަކެއް އެބަހުރި" ކަމަށާއި "އެކަމަށް ހައްލެއް ބޭނުންވާ" ކަމަށެވެ.

އަމިއްލަ ހައްޖުޖަމާއަތުން ހައްޖަށް ގެންދާ މީހުންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ދިމާ ވާހަކަ ވެސް ހިއްސާދާރަކު ވަނީ ފާހަގަކުރައްވައިފަ އެވެ.

ބޭންކުން ރީތި ބީޗް ރިސޯޓް ވިއްކާލީ ކިހާ ވަރަކަށްތޯ ހިއްސާދާރަކު ސުވާލުކުރުމުން އެންޑްރޫ ވިދާޅުވީ އެ މައުލުމާތު ހާމަ ކުރެވެން ނެތް ކަަމަށެވެ. އެންޑްރޫ އިތުރަށް ވިދާޅުވީ ލިބުނު އަގާދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި އަދި ރިސޯޓް ވިއްކާލުމުގެ މަރުހަލާތައް ދިއައީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ޓްރާންސެކްޝަނުގެ މައުލޫމާތު އެމްއެމްއޭ އާއި ހިއްސާކޮށްފައިވާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

އަހަރީ ޖަލްސާގައި އެންޑްރޫ ވަނީ ބޭންކުން ހޯދާފައިވާ ކާމިޔާބީތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން: ފޮޓޯ: ބީއެމްއެލް

"ބޭންކު ވަނީ މާލީ ގޮތުން ކުރިއެރުންތަކެއް ހޯދާފައި. ކަސްޓަމާ ސާވިސް އެންމެ އެންމެ ފުރިހަމައެއް ނޫން އެހެންނަމަވެސް ވަނީ ތަރައްގީކުރެވިފައި. ސަތޭކަ ރަށަށް ވަނީ ބޭންކިން ހިދުމަތްދީފައި. ބޭންކަށް ލިބޭ ފައިދާ އިތުރުކުރުމަށް ވަނީ މަސައްކަތް ކޮށްފައި،" އެންޑްރޫ ވިދާޅުވި އެވެ. މިއަހަރު ބޭންކުން އިތުރު ކާމިޔާބީތައް ހޯދަން ބުރަ މަސައްކަތް ކުރާނެ ކަމަށާއި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަަކަށް އެމީހުންގެ އަމާޒަށް ވާސިލްވުމަށް ބޭންކުން އެހީތެރިވެދޭނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"ރާއްޖެ އަށް އިންވެސްޓް ކުރަމުންދަނީ އެންމެ ބޭންކަކުން އެއީ ބޭންކް އޮފް މޯލްޑިވްސް."