ށ. އަތޮޅު ކައުންސިލް ހިންގަން ޖެހޭނީ ކުރިން އަތޮޅު އޮފީސް ހިންގަމުންއައި އެ އަތޮޅު މިލަންދޫ ކަމަށް ކަނޑައަޅައި، ފުނަދޫގައި ހިނގަމުން އަންނަ ށ. އަތޮޅު އިދާރީ ދާއިރާގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކަމަށް ބުނެ ފުލުހުން ފުނަދޫގައި ހުންނަ ކައުންސިލް އިދާރާގެ އޮފީސް ބަންދުކޮށްފި އެވެ.

Listen!

މިއަދު ހެނދުނު 7 ޖަހާ އެހާކަންހާއިރުން ފެށިގެން ފުނަދޫގައި ހުންނަ ކައުންސިލް އިދާރާ އަށް ދެވެން އޮންނަ ހުރިހާ މަގުތަކެއް ބަންދުކޮށް ރައިޓް ގިޔަރުގައި ތިބި ފުލުހުން ގެންދަނީ ފޯރިމަރަމުންނެވެ. ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ކައުންސިލް އިދާރާ ހުންނަ ސަރަހައްދަށް މިހާރު ވަނީ ޖަމާވެފަ އެވެ.

ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުން ފޮނަދޫގެ ކައުންސިލް އިދާރާ ހުންނަ ސަރަހައްދުގައި މިހާރު ފޯރިމަރަމުން އަންނަ ކަމަށެވެ. ޝިޔާމް ވިދާޅުވީ ފުލުހުން އެ ސަރަހައްދުގައި ފޯރި މަރަމުން ގެންދަނީ ކައުންސިލް އިދާރާ ބެލެހެއްޓުމަށް ރޭ މިލަންދޫ އޮފީހުން ނެރުނު ކޯޓު އަމުރާ ގުޅިގެން ކަމަށެވެ.

ފުނަދޫ ކޯޓުގެ އަމުރު ތަންފީޒު ނުކޮށް، މިލަންދޫ ކޯޓުގެ އަމުރު ތަންފީޒު ކުރައްވަނީ ކީއްވެގެންތޯ ދެންނެވުމުން ޝިޔާމު ވިދާޅުވީ ފުނަދޫ ކޯޓުގެ އަމުރަކީ ކައުންސިލްގެ އަމުރަށް ހުރަސް ނޭޅުން ކަމަށާއި ނަމަވެސް މިލަންދޫ ކޯޓުގެ އަމުރާ އެއްގޮތަށް އަމަލު ކުރައްވަނީ އެއީ ފަހުގެ އަމުރަކަށް ވާތީ ކަމަށެވެ.