31 May 2015, 13:34
ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އަޅަނީ ދުންފަތުގެ އިންޑަސްޓްރީން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހާ ގުޅިގެން ޑަބްލިއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުންފަތުގެ ވަގު ވިޔަފާރީގެ ފަހަތުގައި ވަނީ އެ އިންޑަސްޓްރީ ކަމަށެވެ.
"...ގަވާއިދާ ހިލާފަށް ކުރާ ( ދުންފަތުގެ) ވިޔަފާރިއާ ދެކޮޅުކަން އާއްމުންގެ ކުރިމަތީގައި ދައްކަމުން ދުންފަތުގެ އިންޑަސްޓްރީ އިން ނުފެންނަ ތަނުގައި އަމަލުކުރާ ގޮތް ތަފާތެވެ. ކޯޓުތަކަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އާއްމުވެފައިވާ ދުންފަތުގެ އިންޑަސްޓްރީގެ އެތެރޭގެ ލިއެކިއުންތަކުން އެނގިފައިވާ ގޮތުގައި އެއިންޑަސްޓްރީން ދަނީ ހަރަކާތްތެރިކަމާ އެކު ވަގުވިޔަފާރިއަށް އެހީތެރިވަމުންނެވެ،" ޑަބްލިއުއެޗްއޯގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ އަސަރެއް ނުކުރަނީ ވަގުވިޔަފާރީގެ ސަބަބުން ކަމަށެވެ. އެގޮތުން ދުންފަތުގެ އުފެއްދުންތަކުން ނަގާ ޓެކްސްތައް ބޮޑުކޮށް، އެފެއްދުންތަކުގެ އަގު ބޮޑު ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅެނީ ވަގު ވިޔަފާރީގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒުވާނުންނަށް ދުންފަތުގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބޭކަމަށް ވެސް ބުނެފައިވެ އެވެ.
ގަވާއިދާ ހިލާފަށް ކުރާ ދުންފަތުގެ ވަގުވިޔަފާރިކުރުން ހުއްޓުވުމާ ބެހޭ މުއާހަދާގައި ގައުމުތަކުން ސޮއިކުރުމަށް ޑަބްލިއު އެޗްއޯއިން ވަނީ ގޮވާލާފަ އެވެ. އެ މުއާހަދާ ބައިނަލް އަގުވާމީ ގާނޫނަކަށް ވުމަށް 40 ގައުމުން މުއާހަދާ ބަލައިގަނެ ތަސްދީގު ކުރަން ޖެހެ އެވެ. ނަމަވެސް މުއާހަދާ މިހާތަނަށް ތަސްދީގުކޮށްފައި ވަނީ އަށް ގައުމަކުންނެވެ.