ރ. އިންނަމާދޫގައި ބަންނަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ރަށު ހުޅަނގު އުތުރުފަރާތުގައި ހުރި ހަރުގެއެއްގައި ބަންނަމުންދިޔަ 85 ފޫޓްގެ ދޯންޏެއްގައި ރޯވެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަލިފާނުގެ އެ ހާދިސާ ހިނގާފައި ވަނީ ރޭ 9:35 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އެ ހާދިސާގައި ދޯންޏަށް މާބޮޑު ގެއްލުންތަކެއް ނުވަނީސް އެރަށުގެ ރައްޔިތުން ނުކުމެ ވަނީ އަލިފާން ނިއްވަލާފައި ކަމަށް ފުލުހުން ބުނެ އެވެ.

އެ ދޯނީގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް ސާފެއްނުވެ އެވެ. އަދި އެހާދިސާ ހިނގި ވަގުތު ދޯނި ކައިރި މީހަކު ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.