ނ މިލަދޫ ކައިންސިލުގެ އެކައުންޓު ފްރީޒްކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް މިލަދޫ ކޯޓުން އަމުރު ކުރުމާ ގުޅިގެން އެ ކައުންސިލްގެ އެކައުންޓު ފްރީޒްކޮށްފި އެވެ.

މިލަދޫ ކޯޓުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިލަދޫ ކައުންސިލުގެ އެކައުންޓްތައް ފްރީޒު ކުރުމަށް ބީއެމްއެލްގެ މައްޗަށް އަމުރުނެރިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ އަމުރު ނެރިފައިވަނީ އެ ކައުންސިލުގެ މައްޗަށް 2014 ވަނަ އަހަރު ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށް މިލަދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

މިލަދޫ ކައުންސިލުގެ މައްޗަށް 2014 ވަނަ އަހަރު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ނ. މިލަދޫ މުޝްތަރީގޭގައި ހޮޓާ ހިންގުމަށް، ކައުންސިލުން ހުއްދަ ނުދިނުމާ ގުޅިގެން އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 7،75500 ރުފިޔާ މުޝްތަރީގޭގެ ވެރިފަރާތަށް ދިނުމަށެވެ.

މިލަދޫ ކައިންސިލުން ބުނީ އެ މައްސަލަ އަކީ 2009 އަހަރު ކައުންސިލުގެ ރައީސަކަށް ހުއްނެވި ބޭފުޅާ، މުސްތަރީގޭގައި ހޮޓާ ހިންގުމަށް ހުއްދަ ނުދިނުމާ ގުޅިގެން އެފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެއް ކަމަށެެވެ. އެ ފައިސާ މިހާތަނަށް ދައްކާފައި ނުވާތީ ކޯޓު އަމުރެއްގެ ދަށުން މިލަދޫ ކައުންސިލުގެ ހަތަރު އެކައުންޓެއް ވަނީ ފްރީޒް ކޮށްފަ އެވެ.

ކައުންސިލުން ބުނީ އެކައުންޓްތަށް ފްރީޒް ކުރުމުގެ ކުރިންވެސް އެކަމުގެ އެއްވެސް އިޝާރާތެއް ކޯޓުން ދީފައި ނުވާ ކަމަށާއި، އެކައުންޓްތަށް ފްރީޒް ކުރިކަން އެނގުނީ މުސާރަ ނަަގަން ދިއުމުން ކަމަށެވެ.