31 May 2015, 13:56
އޮލިމްޕިއަންސްގެ ޝޯއެއް އަނެއްކާ ވެސް ޒުވާން ފަންނާނުންނާއެކު އޮލިމްޕަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެެވެ.
ނޭޝަނަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަހުމަދު ނާޒިމް މިއަދު 'ސަން'އަށް ވިދާޅުވީ މިދިޔަ އަހަރުގެ ޝޯއާ މިއަހަރުގެ ޝޯވް ތަފާތު ވާނެ ކަމަށެވެ. އެގޮތުން ފަހުގެ ތާރީހެއްގައި އިވިފައިނުވާ އޮލިމްޕިއަންސްގެ ކުރީގެ ގިނަ ލަވަތަކެއް މިފަހަރުގެ ޝޯގައި އިވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"މި ޝޯގެ ބޭނުންމަކީ ޒުވާނުންނާ އޮލިމްޕިއަންސްގެ ޔުނިޓީ ދައްކުވައިދީ މިދާއިރާގައި ލަވަކިޔާ ޒުވާން ފަންނާނުންގެ ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން،" ނާޒިމް ވިދާޅުވި އެވެ.
މި ހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އެ ޝޯވްގެ ޓިކެޓް މިއަދު ވަނީ ވިއްކަން ފަށައިފަ އެވެ. ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ.
އޮލިމްޕިއަންސްގެ މިފަހަރުގެ ޝޯގައި މިހާރު މަޝްހޫރު ގިނަ ޒުވާން ލަވަކިޔުންތެރިންތަކެއް ފެނިގެންދާނެ އެވެ. އަދި އެ ބޭންޑުގެ ކުރީގެ 21 ލައެއް ހުށަހަޅާދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ލަވަތައް ހުށަހަޅާދޭނީ އޮލިމްޕިއަންސްގެ މެމްބަރަކާއި ޒުވާން ފަންނާނެއް ހިމަނައިގެން ކަމަށް އެންސީއޭ އިން ބުންޏެވެ.