ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު 2010 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެހާކަންހާއިރު މަރުވީ، ނަޒާހާ އޭނާގެ ބުރަކަށްޓަށް ވަޅިހެރުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޝާހިދުގެ ބުރަކަށްޓަށް ނަޒާހާ ވަޅިއެއް ހަރާލިކަމާއި އަދި އެވަޅި ހަރާލުމުގެ ސަބަބުން ހަމަ އެދުވަހުގެ ވަގުތެއްގައި ޝާހިދު ނިޔާވެފައިވާކަމާމެދު ނަޒާހާ އިންކާރުކޮށްފައިނުވާ ކަމަށެވެ.

ޝާހިދުގެ ބުރަކައްޓަށް ވަޅި ހެރުމަށްފަހު އެކަން ފުލުހުންނަށް ރިޕޯޓުކުރީވެސް އަދި ޝާހިދުގެ ބުރަކަށްޓަށް ހަރާލި ވަޅި އޮތްތަން ފުލުހުންނަށް ކިޔައިދީ އެވަޅި ދެއްކީވެސް ނަޒާހާކަން އޭނާގެ ބަހުން ސާފުކޮށް އެނގޭކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ނަޒާހާ ކޯޓުގައި ބުނެފައި ވަނީ މަރުގެ އެ ހާދިސާއަކީ އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގައި އަމިއްލައަށް ތަހައްމަލްކުރަންޖެހިފައިވާ އަނިޔާގެ ސަބަބުން ހީނަރުވެފައިވާ ނަފްސާނީ ހާލަތެއްގައި ކުރި ކަމަކުން ހިނގާދިޔަ ހާދިސާއެއް ކަމަށެވެ.

ނަޒާހާ އެހެން ބުނި ނަމަވެސް ޝާހިދުގެ ފަރާތުން އޭނާއަށް ހަމަލާދީ އަނިޔާކުރުންފަދަ އެއްވެސް ކަމެއް އެދުވަހު އެތަނުގައި ހިނގާފައި ނުވާކަމާއި، އަދި އެފަދަ ކަމެއް ޝާހިދުގެ ފަރާތުން ކުރެވޭނެ ވަގުތުވެސް ތަނަވަސްވެފައިނުވާކަން އެނގެން އޮންނަ ކަމަށް އެ ހުކުމްގައި ވެއެވެ.

އެހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލާއިރު ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ ޝާހިދުގެ ގަޔަށް ވަޅިހެރީ މަރާލުމުގެ ގަސްދު އޮވެގެންކަން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ނަޒާހާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ޝާހިދުގެ ވާރުތަވެރިންގެ ތެރެއިން އެކަކު މަރަށްމަރު ހިފަން ބޭނުން ނުވާ ކަމަށް ބުނުމުންނެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ އުމުރަށް ޖަލަށްލުމަށް ކަނޑައެޅޭ ތައުޒީރީ އަދަބަކީ އަދަބުތައް ލުއިކޮށްދިނުމާ ގުޅޭގޮތުން ރާއްޖޭގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކުގެ ދަށުން، ނަޒާހާގެ ފަރާތުން ހުށަހަޅައިފިނަމަ، އެ އަދަބަށް ލުއިދެވިދާނެ އަދަބެއްކަމަށް ވެސް އެ ހުކުމްގައި ވެއެވެ.