ބަރުމާގެ ރާޚިން ސްޓޭޓްގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށް ބަރުމާއިން ބުނެފި އެވެ.

ރޯހިންޔާ މުސްލިމުންނާ މެދު ބަރުމާއިން އަމަލުކުރަމުންދާ ގޮތާއި މެދު ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ބައެއް ބޭފުޅުން ފާޑު ކިއުމުން އެގައުމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމުންނާ ބުޑިސްޓުންނާ ދެމެދު އިތުބާރު އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަރުމާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ބުނީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތައް ވަނީ އެއް ފަރާތަކަށް ޖެހިފައި ކަމަށެވެ.

"... ބަރުމާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެމުން އަންނަ ބެންގާލީ މީހުން ރައްޔިތުކަން ދިނުމުގެ މަސައްކަތް މީހުން ދެނެގަތުމުގެ ތެރެއިން އަންނަނީ ކުރަމުންނެވެ،" ބަރުމާ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބަރުމާގެ ރާޚިން ސްޓޭޓްގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނަކީ އެގައުމުގެ ރައްޔިތުން ކަމަކަށް ބަރުމާ ސަރުކާރުން ނުދެކެ އެވެ. އެގައުމުން ދެކެނީ އެއީ ބަންގްލަދޭޝުން ގަވައިދާ ހިލާފަށް ހިޖުރަކޮށްގެން އުޅޭ ބައެއް ކަމަށެވެ. އެހެންވެ އެމީހުން ކޭމްޕްތަކަށްލައި އެކަހެރި ކުރުން ފަދަ އެތައް ދުއްތުރާލެއް ބަރުމާ ސަރުކާރުން ދަނީ ކުރިމަތިކުރަމުންނެވެ.

ބަރުމާ ސަރުކާރުން ކުރިމަތިކުރާ ދުއްތުރާތަކާއި އެގައުމުގެ ހައްދުފަހަނައަޅާފައިވާ ބުޑިސްޓުންގެ އަނިޔާތަކުން ސަލާމަތް ވުމަށް ރޯހިންޔާ ދަރިކޮޅުގެ އެތައް ހާސް މީހުންނެއް ދަނީ އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި ތައިލެންޑަށް ހިޖުރަކުރަން މަސައްކަތް ކުރި އެތައް ބަޔަކު ވަނީ ކަނޑުވެ މަރުވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ އިންސާނުންގެ ވަގު ވިޔަފާރި ކުރާ ގޭންގްތަކުގެ ޝިކާރައަކަށް ވެފަ އެވެ. ނަމަވެސް ފަހަކަށް އައިސް އިންޑޮނޭޝިއާ އާއި މެލޭޝިއާ ސަރުކާރުން ކުރި މަސައްކަތުން ބައެއް މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.