ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގެ ފައިނަލްގައި އެތުލެޓިކް ބިލްބޯއޯ ކޮޅަށް ލިއޮނަލް މެސީ ކަމިޔަބު ކޮށްދިން ދެ ގޯލާއެކު 3-1 ގެ ނަތީޖާއަކުން މޮޅުވެ ބަސެލޯނާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ބާސާގެ ފުރަތަމަ ލަނޑު މެސީ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓްގައި ޑެނީއަލްވެށް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބާސާގެ ދެ ވަނަ ލަނޑު ބްރަޒިލްގެ ނޭމަ ކާމިޔާބު ކުރީ ލުއިސް ޝުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓް ތެރޭގަ އެވެ.

ބާސާގެ ކުޅުންތެރިން މެޗް ނިމުން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

މުޅި މެޗްގައި ވެސް މެސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. މެސީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފްގެ 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވެސް ޑެނީ އަލްވޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބިލްބާއޯއަށް ސުން ކަނޑުވާލަދިނީ ވިލިއަމް ޑާނިސް އެވެ. މިއީ ތިއޯ ގޯމޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ގޯލެކެވެ.

ރޭ ބާސާއަށް ކާމިޔާބުކޮށްދިން 24 ވަނަ މުބާރާތާ އެކު ބާސެ ކެޕްޓަން ޒަވީ ހެނާންޑޭޒް ވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ފްރެންޗިސްކޯ ހެންޓޯ ލޯޕޭޒް ހެދި ރެކޯޑް މުގުރާލާފަ އެވެ. ހެންޓޯ ވަނީ ރެއަލްއަށް 23 މުބާރާތް ކާމިޔަބުކޮށްދީފަ އެވެ.

ބާސެލޯނާގެ ކެޕްޓަން ޒަވީ ހެނާްދޭޒް އޭނާ ބާސެލޯނާގެ ޖޯޒީގައި ކަމިޔާބު ކުރި 24 ވަނަ މުބާރާތުގެ ތަށި އުފުލާލަލނީ: ރޭ މުބާރާތް ކާމިޔާބު ކުރުމާއެކު ޒަވީ ވަނީ ސްޕެއިންގެ އެންމެ ގިނަ ތަށި ކާމިޔަބު ކުރި ކުޅުންތެރިޔާއަށް ވެފައި --- ފޮޓޯ/ އޭޕީ

މިއަހަރުގެ މުބާރާތް ބާސާ ކާމިޔާބު ކުރުމުން މިއީ އެޓީމުން ކޮޕަޑެލްރޭ ކާމިޔާބު ކުރި 27 ވަނަ ފަހަރެވެ.

އެޓީމްގެ ފަހަތުން ދެ ވަނައިގައި ރޭ ފައިނަލްގައި ކުޅުނު ބިލްބާއޯ އެވެ. އެޓީމުން ވަނީ 23 ފަހަރު މުބާރް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ހުސްއަތާ ނިންމާލި ތީމުން މިމުބާރާތް ކާމިޔާބު ކުރުމުން މިއީ އެޓީމުން މިސީޒަންގައި ކާމިޔަބު ކުރި ދެ ވަނަ މުބާރާތެވެ.

އެޓީމަށްވަނީ ސީޒަންގެ ތިން ވަނަ މުބާރާތް ކާމިޔާބު ކުރުމަށް ފުރުސަތު ލިބިފަ އެވެ. އެއީ ޖޫން މަހު ހަ ވަނަ ދުވަހު އިޓަލިގެ ޔުވެންޓަސްއާ ދެކޮޅަށް ޖަރުމަންގެ ބާލިންގެ އޮލިމްޕިއާ ސްޓޭޑިއަންގައި ކުޅޭ ފައިނަލް މެޗެވެ.