މެރިޓައިމް ސިލްކް ރޫޓްގައި ބައިވެރިވުމަކީ ކަސްޓަމްސަށް ކުރިއެރުމާއި އިތުރު ތަރައްގީތައް ހާސިލްކުރެވިގެންދާނެ ކަމެއް ކަމަށާއި ރާއްޖޭގެ އަމާޒަކީ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމު ކުރުން ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

"ކަނެކްޓިވިޓީ އެންޑް ވިން-ވިން ޑިވެލޮޕްމެންޓް ފޯރަމް" އިފްތިތާހު ކުރުމަށް މިދިޔަ ބުދަ ދުވަހު ޗައިނާގެ ޒިޔާންގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ރާއްޖެ އިން އަމާޒު ހިފާފައި ވަނީ މެރިޓައިމް ސިލްކް ރޫޓް މެދުވެރިކޮށް ވިޔަފާރި އާއި ދަތުރުފަތުރަށް މިހާރަށް ވުރެ ފަހި ފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ކަމަށެވެ.

" ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރެވިފައި ވަނީ ވަރަށް ގާތްއެކުވެރި ގުޅުމެއް. ސިކްލް ރޫޓްގައި ރާއްޖެ އިން ބައިވެރިވުމަށް ނިންމުމާ ގުޅިގެން މިގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފި،" އައްބާސް ވިދާޅުވި އެވެ.

ކޮމިޝަނާ ޖެނެރަލް އައްބާސް ވިދާޅުވީ ސިލްކް ރޫޓް މެދުވެރިކޮށް ވިޔަފާރިއާއި އިގްތިސާދު އަދި މުދަލާއި މީހުން އުފުލުމުގެ ކަންކަން ތަރައްގީވެފައިވާ ނިޒާމެއްގެ ތެރެއިން ގެންދިއުމަށް ގައުމުތަކުގެ ކަސްޓަމްސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުތަކާއި ވިޔަފާރިއާއި އިގްތިސާދު އަދި ދަތުރުފަތުރާ ގުޅޭ ބައިނަލް އަގްވާމީ ގިނަ ޖަމްއިއްޔާތައް ބައިވެރިވި އެފޯރަމްގައި މެރިޓައިމް ސިލްކް ރޫޓް މެދުވެރިކޮށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ސަރަހައްދީ ފެންވަރުގައި ކަސްޓަމްސްތަކުގެ މެދުގައި ގުޅިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މީގެ ފަސް މަސް ކުރިން ސަރުކާރުން ވަނީ ޗައިނާގެ ސިލްކް ރޫޓުގައި ބައިވެރިވުމަށް ސޮއިކޮށްފަ އެވެ. ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެގައުމުގެ އިންވެސްޓްމެންޓްތައް މިހާރަށް ވުރެ ގިނައިން ރާއްޖެ އިން ފެންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.