ިިކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕޭނުގައިރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެއްބާރުލެއްވުން ނުދެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނިކޮށް، ފާރިސްއަށް ކެމްޕޭންކޮށްދެއްވުމަށް ރައީސް ޔާމީން މިއަދު ދިއްގަރަށް ވަޑައިގެންފި އެވެ.

ރައީސް ދިއްގަރަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރައީސް ޔާމީން ދިއްގަރަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެ ދަތުރުފުޅުގައި މ. މަޑުއްވަރި އާއި މުއްޔަށް ވެސް ރައީސް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

ރައީސް ޔާމީންގެ އަރިހުގައި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ލީޑަރު ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ޔާމީން ދިއްގަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ޓުވީޓާ

ރައީސް ޔާމީން މިއަދު ދިއްގަރަށް ވަޑައިގެންފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ފާރިސް މައުމޫން ދިއްގަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި އިންތިހާބު ކުރައްވަން ރައީސް ޔާމީން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް އެ ކެމްޕެއިނުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އެފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުން ނެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫންގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެން ފާރިސަށް ތާއީދު ހޯއްދަވައިދެއްވުމަށް ރައީސް މައުމޫން ވެސް ވަނީ މީގެ ކުރިން ދިއްގަރަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި ޕީޕީއެމް އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް ވަނީ ދިއްގަރު ދާއިރާ ހިމެނޭ ރަށްތަކަށް ޒިޔާރަތް ކުރައްވައި ފާރިސަށް ތާއީދު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ.

ފާރިސް މައުމޫންގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ސަރުކާރުގެ ވައުދުތައް ކާމިޔާބު ކަމާއެކު ފުއްދައި ދެވޭނީ ސަރުކާރުގައި ތިބޭ މެމްބަރުން ގިނަވި ވަރަކަށް ކަމަށާއި އެހެންކަމުން ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމަށް ވަރަށް މުހިއްމު ކަމަށެވެ.

ރައީސް ޔާމީން ދިއްގަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ޕީޕީއެމް

ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕުރައިމަރީ ފާރިސް ކާމިޔާބު ކުރެއްވީ 289 ވޯޓެވެ. އޭނާއާ ވާދަ ކުރެއްވި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 142 ވޯޓެވެ.

ފާރިސްގެ އިތުރުން ދިއްގަރު ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

އިލެކްޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ބާއްވާ ހާއްސަ ޖަލްސާ ވެސް ބާއްވާނީ ދިއްގަރުގައި ކަމަށެވެ.