އިނގިރޭސި އެފްއޭކަޕް ފައިނަލްގައި ރޭ އެސްޓަން ވަލާ 4-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ އެންމެ ކަމިޔާބު ޓީމަކަށް އާސެނަލް ވެއްޖެ އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ލަނޑު އިނގިރޭސި ގައުމީ ޓީމްގެ ފޯވަޑް ތިއޯ ވޮލްކޮޓް ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.

ދެ ވަނަ ލަނޑު ޗިލީގެ ފޯވަޑް އެލެކްސް ސަންޗޭޒް ކާމިޔާބުކުރީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓް ތެރޭގަ އެވެ. އޭގެ ހަތް މިނެޓް ފަހުން ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 12 ވަނަ މިނެޓްގައި ސެންތިއާގޯ ކެޒާލޯ ހުރަސްކޮށްދިން ބޯޅަ ބޮލުން ކުރިއަށް ފޮނުވާލައިގެން ކާމިޔާބު ކުރީ ޖަރުމަންގެ ޑިފެންޑާ ޕާ މަޓަސެކާއެވެ.

ހަތަރު ވަނަ ލަނޑު ފްރާންސްގެ އޮލިވިއޭ ޖުރޫޑް މެޗްގެ އެންމެ ފަހު މިނެޓް ކޮޅުތެރޭގައި ކާމިޔާބުކުރީ އެލެކްސް އޮކްސްލޭޑް ޗޭމްބްލިން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މިއަހަރުގެ މުބަރާތް އާސެނަލް ކާމިޔާބު ކުރިއިރު މިއީ މިމުބާރާތް އާސެނަލް ކާމިޔާބު ކުރި 12 ވަނަ ފަހަރެވެ. އަދި އެޓީމް ވަނީ މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކަށް ވެފައެވެ.

އެފްއޭކަޕްގެ ތަށި އާސެނަލްގެ ކޯޗް އާސެން ވެންގާ އުފުލާލލަނީ. އޭނާ ބުނީ އެފްއޭކަޕް ކާމިޔާބަށް ފަހު ދެން އަމާޒު ހިފާނީ އަންނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބު ކުރުމަށްކަމަށް --- ފޮޓޯ/ އޭޕީ

އާސެނަލްގެ ފަހަތުން މުބާރާތް 11 ފަހަރު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަން ރެކޯޑްގައި އުޅެނީ މެންޗެސްޓާ ޔުނައިޓޭޑެވެ.

އާސެނަލް ވަނީ މިދިޔަ އަހަރުވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް ފްރާންސްގެ އާސެނަލް ވެންގާ ބުނީ އެފްއޭކަޕް ކާމިޔާބަށްފަހު ދެން އަމާޒު ހިފާނީ އަންނަ ސީޒަންގެ ޕްރިމއާ ލީގް ކާމިޔާބު ކުރުމަށެވެ.