ރޭ ފަތިހު ފުވައްމުލަކުން މަހަށް ނުކުތް އެ ރަށު ދޯންޏެއް ބިންދައިގެން ގޮސް ފުވައްމުލަކު ފަރަށް ލައްގައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ރަށު "މަސްކުރި" ބިންދައިގެން ގޮސް ފަރަށް ލެއްގުމާ އެކު ދޯނީގެ ދެ ބައި އެއްގަމަށް އެރުވުމުގެ މަސައްކަތް ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެ ދޯނި ބިންދައިގެން ދިޔަ ހަބަރު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އޭރު ދޯނި އޮތީ ފުވައްމުލަކާ ގާތްގަނޑަކަށް ދެ މޭލު ބޭރުގައި ކަމަށާއި ދޯނީގައި 21 މީހުން ތިކަމާއި އެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބި ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދޯނި ބިންދައިގެން ދިޔަ ކަމުގެ މަޢުލޫމާތު ލިބުމާ އެކު އެމަޢުލޫމާތު ކޯސްޓްގާޑަށްދީ ދޯންޏާއި ދޯނީގައި ތިބި މީހުންނަށް އެހީވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މޫސުންގޯސްވުމުގެ ސަބަބުން އެ ދޯންޏާ ހަމައަށް ދެވޭގޮތް ވަނީ ނުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދޯނި ފުވައްމުލަކު ފަރަށް ލައްވެފައިވާ ކަމަށް ބެލެވެނީ ފަތިހު 05:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެވަގުތުން ފެށިގެން ދޯނީގެ ބައިތައް އެއްގަމަށް އެރުވުމުގެ މަސައްކަތުގައި ރައްޔިތުންނާ އެކު ފުލުހުންނާއި ސިފައިން ޙަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.


އެ ދޯންޏަކީ 106 ފޫޓުގެ ދޯންޏެކެވެ. ދޯނި ބިންދައިގެން ދިއުމުގެ ސަބަބުންނާއި ފުވައްމުލަކު ފަރަށް ލެއްގުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދޯންނަށް އަދި ދޯނީގައި ހުރި ބައެއް ތަކެއްޗަށް ވަނީ ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.