31 May 2015, 10:11
ބްރަސަލްސް (މޭ 31) : ޔޫރަޕްގެ ގައުމުތަކުގެ 89 މަސްއޫލުވެރިއަކާ ދެކޮޅަށް ރަޝިޔާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ޔޫރަޕްގެ އިއްތިޙާދާއި ޔޫރަޕްގެ ގައުމުތައް ކަންބޮޑުވެއްޖެ އެވެ.
ވިލާތުގެ އިއްތިޙާދުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިޔާގެ މިފިޔަވަޅުތަކަކީ ޖެއްސުން ކުރުމުގެ އަމަލެއްކަމަށާއި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގަ އެވެ. ނަން ހާމަކުރައްވަން ނޭދޭ ޔޫރަޕްގެ މަސްއޫލުވެރިއަކު މިފިޔަވަޅުތައް ސިފަކުރައްވާފައި ވަނީ ޔޫރަޕާއި ރަޝިޔާއާ ދެމެދުގައިވާ މައްސަލަތައް އިތުރަށް ހޫނު ކުރުމަށް ޕޫޓިން އެޅުއްވި ފިޔަވަޅުތަކެއް ކަމުގަ އެވެ.
ރަޝިޔާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރި ޔޫރަޕްގެ ލީޑަރުންގެ ތެރޭގައި ސިޔާސީ ލީޑަރުންގެ އިތުރުން އަސްކަރީ ލީޑަރުން ވެސް ހިމެނެ އެވެ. މިފަރާތްތަކާ ދެކޮޅަށް ރަޝިޔާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެބޭފުޅުން ރަޝިޔާ އަށް ވަނުން މަނާކުރުމާއި ރަޝިޔާގައިވާ އެބޭފުޅުންގެ އެސެޓްތައް ފްރީޒް ކުރުން ހިމެނެ އެވެ.
މިއީ ޔުކްރޭންގެ މައްސަލާގައި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލުހިފުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް ރަޝިޔާގެ މީޑިޔާ އިން ވަނީ ސިފަކޮށްފަ އެވެ. ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރަޝިޔާ ވަންނަމުންދާ ކަމަށް ބުނެ ޔޫރަޕުން ވަނީ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ އެތަށް ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އަޅާފަ އެވެ. ނަމަވެސް މިފިޔަވަޅުތަކާ އެކު ރަޝިޔާ އިން ވެސް ވަނީ މީގެ ކުރިން ވެސް ޔޫރަޕްގެ ގައުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. މިފިޔަވަޅުތަކުގެ ގެއްލުންތައް ދެފަރާތަށް ވެސް ބޮޑުކަމުން ޔޫރަޕުން ވަނީ ފިޔަވަޅުތައް އެޅުން ހުއްޓާލާފަ އެވެ.
ޔޫރަޕްގެ 89 މަސްއޫލުވެރިއަކާ ދެކޮޅަށް ރަޝިޔާއިން ދަތިކުރުމުގެ ފިޔަވަޅުތައް މީގެ ދެދުވަސްކުރިން އަޅާފައި މިވަނީ ރަޝިޔާ އިން ޔޫރަޕާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ދެން ނާޅާނެ ކަމަށް ބަލައިގެން އޮށްވައި ކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)