ށ. އަތޮޅު ކައުންސިލް ހިންގަން ޖެހޭނީ ކުރިން އަތޮޅު އޮފީސް ހިންގަމުންދިޔަ އެ އަތޮޅު މިލަންދޫ އޮފީހުގައި ކަމަށް ކަނޑައަޅައި، ފުނަދޫގައި ހިނގަމުންދާ ށ. އަތޮޅު އިދާރީ ދާއިރާގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ފުނަދޫގެ މެޖިސްޓްރޭޓް ކޯޓުން އެރަށުގައި ށ. އަތޮޅު އިދާރާ ހިންގާ ގޮތަށް ކަނޑައަޅައި އަމުރު ނެރުނުތާ 48 ގަޑިއިރުނުވަނީސް މިލަންދޫ ކޯޓުން ނެރުނު އަމުރުގައި ބުނަނީ، މިލަންދޫގައި ހުރި ށ. އަތޮޅު އޮފީސް، އެ އަތޮޅުގެ އިދާރާގެ ގޮތުގައި ހަމަޖައްސައި، އެތަނުން ޚިދުމަތް ދިނުމަށް އަތޮޅު ކައުންސިލުގެ މައްޗަށް އަމުރުކުރީ "އެތަނަކީ މިލަދުންމަޑުލު އުތުރުބުރީ އިދާރީ ދާއިރާގެ އޮފީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާތީ،" ކަމަށެވެ.

"ށ. ފުނަދޫގައި ހިންގަމުންދާ ށ. އަތޮޅު އިދާރީ ދާއިރާގެ މަސައްކަތް މިހިނދުން މިހިނދަށް ހުއްޓާލައި ކުރިން އަތޮޅު އޮފީސް މަސައްކަތްކުރަމުން އައި މިލަދުންމަޑުލު އުތުރުބުރީ ށ.މިލަންދޫ އޮފީސް ހިނގަމުން އައި އިމާރާތަށް އިދާރީ ދާއިރާގެ މަސައްކަތް ކުރުމަށް ށ. އަތޮޅު ކައުންސިލްގެ މައްޗަށް އަމުރުކޮށްފީމެވެ،" މިލަންދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ޝިޔާމް ސޮއިކުރައްވައި މިއަދު ހަވީރު ނެރުއްވި އަމުރުގައި ބުނެފައި ވެއެވެ.

އަތޮޅު އިދާރާއިން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް މިލަންދޫގައި ހުރި އޮފީސް ހުޅުވައި، އެކަމަށް އެހީތެރިކަން ދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ވެސް އަމުރުކޮށްފައި ވެއެވެ.

އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، މިލަންދޫގައި ހުރި އޮފީހުގައި މަސައްކަތްކުރަމުންދިޔަ ހުރިހާ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް އެންގުމަށް ސިވިލް ސާވިސްގެ މައްޗަށް ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ފުނަދޫގެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބުނަނީ، އިދާރީ ދާއިރާތަކުގެ އޮފީސްތައް ކަނޑައެޅުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށެވެ.

މިމަހުގެ 26 ވަނަ ދުވަހު ށ. އަތޮޅު ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު ވަނީ، އަލުން އަނބުރާ އަތޮޅުވެރިކަން ފުނަދޫއަށް ބަދަލުކޮށް، އެ އަތޮޅުގައި ހުރި ކުރީގެ އަތޮޅު އޮފީހުގައި ކައުންސިލްގެ މަސައްކަތް ފައްޓަވައިފަ އެވެ. ނަމަވެސް، އެ ނިންމުމާ ގުޅިގެން، ހޯމް މިނިސްޓްރީން ވަނީ ފުލުހުންގެ ފައުޖެއް އެ ރަށަށް ފޮނުވާ، އެ އޮފީހުން ކައުންސިލަރުން ނިކުމެވަޑައިގަތުމަށް އަންގައިފަ އެވެ. އިއްޔެ ރެއިން ފެށިގެން އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރި މަސައްކަތް އެންމެފަހުން ހުއްޓާލީ، ފުނަދޫ ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެންނެވެ.

އެ އަމުރު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މިއަދު ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީގައި ހިމެނިވަޑައިގަންނަވައި ހޯމް މިނިސްޓާ ހަސަން އަފީފް މިއަދު ވިދާޅުވީ، އަތޮޅުވެރިކަން ބަދަލުކޮށްފައިވާ ފުނަދޫއާއި ކ. އަތޮޅު ތުލުސްދޫގައި އަތޮޅުވެރިކަން ހިންގޭނެތޯ ކަނޑައަޅާނީ ޝަރީއަތުން ކަމަށެވެ.