31 May 2015, 09:23
އައްޑޫ ސިޓީގެ މަރަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ސަން އަށް ބުނީ ރޭ ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ޢަލީބޮހާރީގެ ޢަލީ ނިޒާރު 30 އަހަރު ކަމަށެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ ބޮޑުމަގުގައި ހުންނަ އައުލާ ފިހާރަ ކައިރީ ރޭ ދަންވަރު 12:30 އެހާކަންހާއިރު ދުއްވާފައި ދިޔަ ސައިކަލެއް އައުލާ ފިހާރަ ކައިރީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާ ކަމަށާއި އެ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ރޭ ދަންވަރު 1:10 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ އިރު ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.