31 May 2015, 10:05
އިރާގު، ސޫރިޔާ، ލީބިޔާ، މިސްރު އަދި ޔަމަން ފަދަ އަރަބި ބައެއް ގައުމުތަކުގައި ހިނގަމުންދާ ޓެރަރިޒަމްގެ އަމަލުތައް ސައޫދީ އަރަބިޔާގައި ވެސް މިހާރު ފެށިފައިވާ އިރު މިއީ އެ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ނުރައްކާ ސައޫދީ އަށް ވެސް އޮތްމިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް މުޙައްލިލުން ވިދާޅުވެއްޖެ އެވެ.
މުޙައްލިލުންނާ ޙަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަފްތާއެއްގެ ތެރޭގައި ސައޫދީ އަރަބިޔާގައި ބާރުގަދަ ދެބޮން ގޮއްވާލައި އެތައް ބަޔަކު މަރާލުމަކީ ސައޫދީގެ އަމަނާއި ސަލާމަތަށް ކުރިމަތިވަމުންދާ ނުރައްކަލުގެ އާދަޔާ ޚިލާފު ސިގްނަލެކެވެ. އިރާގާއި ސޫރިޔާއާއި ލީބިޔާ އަދި ޔަމަނާއި މިސްރު ފަދަ ގައުމުތަކުގައި ގޮށްވާފަދަ ކާރުބޮންތައް ގޮއްވައި އަމިއްލައަށް މަރުވެގެން ދޭ ޙަމަލާތައް ސައޫދީ އަރަބިޔާ އަށް އަމާޒުވެދާނެ ކަމަށް ބެލެވިފައި ނުވި ނަމަވެސް އެކަންތައް މިހާރު ވަނީ ޙަގީގަތަކަށްވާން ފަށާފަ އެވެ.
ސައޫދީ އަރަބިޔާގެ ބައެއް މިސްކިތްތަކަށް މިފަހަކަށް އައިސް ދެމުންގެންދާ ބޮމުގެ ޙަމަލާތަކަކީ މިފަދަ ޙަމަލާތަކެކެވެ. ސައޫދީ އިރުމަތީ ސަރަހައްދުގެ ވެރިރަށް ދައްމާމުގެ ޝިއައީންގެ މިސްކިތަކަށް އަމާޒުކޮށް މިދިޔަ ހުކުރު ދުވަހު ދިން ކާރުބޮމުގެ ޙަމަލާގައި ހަތަރު މީހުން މަރުވެފައިވާ އިރު ސައޫދީ އިރުމަތީ ސަރަހައްދުގެ އަލްގަތީފްގައި މިދިޔަ ހުކުރު ފިޔަވައި އޭގެކުރީ ހުކުރުދުވަހު އަމިއްލައަށް މަރުވެގެން މީހަކު ދިން ޙަމަލާއެއްގައި 21 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު ސައޫދީ އަރަބިޔާގެ އަލްއިޙްސާ އަށް ދިން ބޮމުގެ ޙަމަލާތަކެއްގައި ހަތް މީހުން މަރާލައި އެތައްބަޔަކު ޒަޚަމް ކޮށްލާފައިވެ އެވެ.
ސައޫދީ މަސްއޫލުވެރިން މިހަމަލާތައް ސިފަކުރައްވަނީ އެގައުމުގެ ސުލްޙަވެރި އަދި އަމާން މުޖްތަމައުގައި ފިތްނައިގެ ހުޅުގަނޑު ރޯކޮށް މުޖްތަމައު ހަލާކުކޮށްލުމުގެ ރޭވުމެއްގެ ދަށުން ހިންގާ ޖަރީމާތަކެއްގެ ގޮތުގައެވެ. ސައޫދީ އަރަބިޔާގެ ގަތީފް އާއި ދައްމާމްގައި ދިން ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. އަލްއިޙްސާއަށް ދިން ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ބެލެވިފައިވަނީ އަލްގާއިދާއެވެ. ސައޫދީގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އިރާގު، ސޫރިޔާ، މިސްރު އަދި ޔަމަންގައި ހިނގަމުންދާ ދާޚިލީ ކަންތައްތަކުގެ ތެރެއަށް އެކިފެންވަރުގައި ސީދާގޮތުންނާއި ނުސީދާގޮތުން ސައޫދީ ވަންނަމުންދެއެވެ.
އިރާގަށް ބަލާއިރު ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށް ޓަކައި އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމުގައި ސައޫދީންގެ އެހީތެރިކަމާއި މަދަދު ލިބިފައިވެ އެވެ. ސޫރިޔާއަށް ބަލާއިރު ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފްރީސީރިޔަން އާމީ ޖަމާއަތްފަދަ އެތަށް ޖަމާއަތަކަށް ސައޫދީންގެ އެހީތައް ލިބެމުންދެ އެވެ.
މިސްރަށް ބަލާއިރު ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގައި ވެރިކަން ކުރައްވާ އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރަށް މާލީގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ސައޫދީ އަރަބިޔާއިންނެވެ. އަދި މުރުސީގެ ވެރިކަން ވައްޓާލުމަށް ސީސީ އަށް ހިއްވަރުދިން ގައުމުތަކުގެ ތެރޭގައި އިސްރާއީލާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީ ހިމެނޭކަމަށް ބެލެވިފައިވެ އެވެ. ޔަމަނަށް ބަލާއިރު އެގައުމުގެ ސަރުކާރާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިޔާވަނީ އަސްކަރީގޮތުން ވަދެ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަ ކުރަން ފަށާފަ އެވެ.
އެހެންކަމުން ސައޫދީއަށް ކުރިމަތިވަމުން މިދާ ޓެރަރިސްޓް ޙަމަލާތަކާއި އެގައުމުގެ އަވަށްޓެރި އިރާގު، ސޫރިޔާ، މިސްރު އަދި ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ސައުދީ ސަރުކާރުން ސީދާގޮތުންނާއި ނުސީދާ ގޮތުން ވަންނަމުންދާ ވަނުންތަކާ ވަރަށް ބޮޑު ގުޅުންތަކެއް ވާކަމަށް މުޙައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)