31 May 2015, 09:59
ކޮލަންބޯ - ސްރީލަންކާގެ އިރުމައްޗާއި އުތުރުގައި ތަމަޅައިގެންގެ ވަކި ދައުލަތެއް ގާއިމްކުރުމަށް އޭރު އޮތް ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް (އެލްޓީޓީއީ) ނުވަތަ ތަމަޅަ ޓައިގަރުން އެނބުރި އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ލަންކާގެ އަނޫރާދަޕޫރާގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ތަމަޅަ ޓައިގަރުން ބަލިކުރި އިރު ވެރިކަމުގައި ހުންނެވި ރާޖަޕަކްސަ ވިދާޅުވީ، ތަމަޅަ ޓައިގަރުން ގައުމުގައި މިވަގުތު ނެތުމުން އުފާކުރި ނަމަވެސް ގައުމުގައި އަލުން ޓެރަރިޒަމްގެ އަމަލުތައް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެނބަ އޮތް ކަމަށެވެ.
"ގައުމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާތަން ބަލާކަށް ބޭނުމެއް ނޫން. އެންމެން ވެސް ބޭނުން ވަނީ ސުލްހަ މަސަލަސްކަމުގައި ދިރިއުޅެން،" އެނބުރި ވެރިކަމަށް އައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރާޖަޕަކްސަ ވިދާޅުވި އެވެ.
ނަމަވެސް ރާޖަޕަކްސަގެ އެ ވާހަކަތައް ކުށްވެރިކޮށް ސްރީލަންކާގެ މިހާރުގެ ސަރުކާރުން ބުނެފައި ވަނީ، ތަމަޅަ ޓައިގަރުން އެނބުރި އަތުވެދާނެ ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަނީ ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ގާތްގަނޑަކަށް 30 އަހަރަށް ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރާމާގައި ތަމަޅަ ޓައިގަރުން ބަލިކޮށް، ސްރީލަންކާ ސަރުކާރަށް ކާމިޔާބު ލިބިގެން 2009 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އެ ހަނގުރާމާގައި އެއް ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.