31 May 2015, 01:27
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭ ސީނިއާ ގައުމީ ވޮލީ ޓީމް ދެއްކި ކުޅުމާއި ކުރި ހިތްވަރުން ދެން އޮންނަ މުބާރާތުގައި ރަންމެޑަލް ގެންނާނެކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ހިގައްޖެކަމަށް މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
މިމަހު 23 ން 28 ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ސެންޓަރަލްޒޯން ވޮލީބޯޅަ މުބަރާތުގެ ރަނަރަފު މަޤާމު ހޯދުމަށް ފަހު މިރޭ މާލެ އައި ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް މަރުހަބާ ކިޔުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓަށް ވަޑައިގެން ގައުމީ ވޮލީ ޓީމާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، ގޯލްޑް ނުލިބުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރުން ލިބުނު ކާމިޔާބީ ބަލައިގަނެ ސަރުކާރުން ކުޅުންތެރިންނަށް ރަނގަޅު އިނާޔަތެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ގެ ރަނަރަފް މަގާމު ހޯދި ރައްޖޭގެ ގައުމީ ވޮލީ ޓީމްގެ ކުޅުންތެރިނާއެކު މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު ޒުހޫރާއި އެމިނިސްޓްރީގެ އިސްބޭފުޅުން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އަޅުގަނޑުމެންގެ އުންމީދަކި ކުރިއަށް އޮތްތާންގައި ތިޔަ ކުރައްވަމުން ގެންދަވާ ހިތްވަރު ކުރައްވަމުން ގެންދެވުން. އިރާދަ ކުރެއްވިއްޔާ މި ރީޖަންގައި ތިޔަ ކުޅުނު މުބާރާތުގެ (އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް) ރަން މެޑަލް ގެންނާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް،" ޒުހޫރު ވިދާޅުވި އެވެ.
ގައުމީ ޓީމްގެ ކުޅުންތެރިންނާ ބައްދަލު ކުރައްވުމަށްފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވަބު ދެއްވަމުން ޒުހޫރު ވިދާޅުވީ، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުބަރާތްތަކުން ވަކި ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ފައިނަލާއި ހަމަޔަށްދާ ކޮންމެ މުބާރަތަކުން ކުޅުންތެރިންނަށް އިނާޔަތްތައް ދެމުންގެންދާނެ ކަމަށާއި އަދި ޗެމްޕިއަން ކަން ހޯދައިފިނަމަ އިނާޔަތްތައް ބޮޑު ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ގެ ރަނަރަފް މަގަމު ހޯދި ރައްޖޭގެ ގައުމީ ވޮލީ ޓީމްގެ ކުޅުންތެރިނާ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު ޒުހޫރު ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރާއްޖެ ފައިނަލުން ބަލިވީ ތިން ސެޓް ދެ ސެޓުން ތުރުކުމިނިސްތާން އަތުންނެވެ.