އެއީ ލޯބިވެރިންނާއި ރައްޓެހިންނާ އެކު ކޮފީތަކުގައި ވަގުތު ހޭދަކުރާއިރު ވެސް ހެދޭ ބޮޑު ގޯހެކެވެ. ތުއްތު ކުދީން ގޮސްއުޅޭ ހިތް ފަސޭހަ މައިދާންތަކުގައި އާންމު ވެފައިވާ ބަލިމަޑުކަމެކެވެ. މަގުން ހިނގާފައިދާއިރު ކުށަކާނުލައި ދޭ އަދަބެކެވެ. ތިމާގެ އަމިއްލަ އުފަލަށް ނުވަަތަ ތިމާމީހާ "ކޫލް" ވެލަން އަނެކާއަށް ދޭ އަނިޔާއެކެވެ. މިދައްކަނީ ދުންފަތުގެ އިސްތިއުމާލްކުރާ ފަރާތްތަކުން ބޭރުކުރާ ދުމުގެ ސަބަބުން ކުށެއްނެތް އަނެކާއަށް ދެވޭ އަނިޔާގެ ވާހަކައެވެ. ބަލިމަޑުކަމަށް ވައްޓާލެވޭ ވާހަކަ އެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް މިއަދު ފާހަގަ ކުރާއިރު މިއީ ވިސްނާލަންޖެހޭ މުހިންމު ކަމެކެވެ.

"ގާތްގަނޑަކަށް ސިނގިރޭޓް ބޯ މީހަކަށް ދިމާވާ ހުރިހާ ބަލިތަކެއް ސިނގިރޭޓް ނުބޯމީހާއަށް ވެސް އެ ދުމުގެ ސަބަބުން ޖެހޭ. އޭގައި ހުރޭ ބައިވަރު ވައްތަރުތަކުގެ ކެންސަރުތައް. އޭގެ ތެރެއިން ބްރެސްޓް ކެންސަރުން ފެށިގެން ލޭގެ ކެންސަރާއި ގޮހުގެ ކެންސަރާއި ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކެންސަރު ޖެހޭ،" ދަމަނަވެށީގެ ސީނިއާ މެޑިކަލް އޮފިސަރު، އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

ކޮފީ މޭޒުތަކާއި އެކިއެކި މައިދާންތަކުގައި އުސޫލެއް، ހައްދެއް ނެތި ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. މަގުމަތީ ސިނގިރޭޓް ބޮމުން ބިރެއް ލަދެއްނެތި ދުން ބޭރުކުރެ އެވެ. އަނެކާއަށްވާ އުނދަގުލަށް ބެލުމެއް ނެތެވެ. ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އެ އަމަލުކުރާ މީހާއަށް އެކަނި ދެވޭ އަނިޔާއެއް ނޫނެވެ. އެއީ ތިމާ ކައިރީ ދެން ތިބި ފަރާތްތަކަށް ވެސް ދެވޭ ބޮޑު އަނިޔާއެކެވެ. އޭގެ ތެރެއިން ވެސް އަންހެނުންނާއި ޒުވާނުންނާއި ކުޑަކުދިންނަށް އޭގެ ގެއްލުން ބޮޑެވެ.

ދިރާސާތަކަށް ބަލަމާތޯ އެވެ. ސިނގިރޭޓް ބޯ މީހާގެ އިތުރުން އޭނާ ދޫކުރާ ދުމުގެ އަސަރުކުރާ މީހާގެ ނޭވާލުމުގެ ނިޒާމަށް ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހަމައެއާއެކު ހިތުގެ ބައްޔާއި، ހާޓްއެޓޭކް، ސްޓްރޯކް، ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު ޖެހުމަށް އެ ދުމުގެ ސަބަބުން މަގުފަހިވެ އެވެ. ސިނގިރޭޓުގެ ދުމަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ވިހަ މާއްދާތަކުގެ އަސަރުކުރުވާ ދުމެކެވެ. ސިނގިރޭޓް ދުމުގެ ކުޑަ މިންވަރެއްގެ އަސަރު ކުރިއަސް އެކަމުގެ ސަބަބުން ތިބާގެ ހަށިގަނޑުގެ އެތަކެއް ސެލްސްތަކެއް މަރުވެދެ އެވެ.

ހަޔާތުގެ ބައިވެރިޔާ ސިނގިރޭޓް ބުއިމަކީ ފެޝަނެއް ކަމަށް ދެކޭ ޒުވާނުން މަދެއް ނޫނެވެ. އެއީ އެމީހާގެ "ސްމާޓް" ކަން ކަމަށް ދެކެ އެވެ. ނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ނަމަ އެއީ އެ ދެމީހުންގެ ދިރިއުޅުން ވެސް ފުނޑުފުނޑުވެދާނެ ސަބަބެކެވެ. ނޫކަށިފުރައިގައި ނާޒުކު އެހަށިގަނޑުތައް ކެންސަރަށް މަގު ފަހިކޮށްދެ އެވެ. މާބަނޑު ދުވަސްވަރު ސިނގިރޭޓް ދުމުގެ އަސަރު ކުރާ ނަމަ ދަރިފުޅު ބައިގެން ދިޔުމާއި، ދަރިފުޅުގެ ބަރުދަން ލުއިވުމާއި ދުވަސްނުފުރާ ވިހެއުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ދަރިން ލިބުމަށް މަގުފަހިވާ ކަމަށް ތަޖުރިބާ ކާރުން ވިދާޅުވެ އެވެ.

"ދެން ދުންފަތުގެ ދުމުން މިސާލަކަށް ފިރިހެން ކުއްޖާ ސިނގިރޭޓް ބޯނަމަ ލޯބިވެރިޔާއަށް އެހެން ނޫން ނަމަ ކައިވެނިކުރީމަ އަންހެނުންނަށް ވަރަށް ބޮޑަށް އަސަރުކުރޭ، ގާތްގަނޑަކަށް އެއްވަރަށް،" ޑރ. އަރޫނާ ވިދާޅުވި އެވެ.

މައިންބަފައިން ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ އެކަމުގެ ސަބަބުން ދަރިން، ނޭވާލުމުގެ ނިޒާމުގެ އެތައް ބަލިތަކެއްގެ ޝިކާރައަކަށްވެ އެވެ. އެއީ ހަގީގަތްކަމަށްވާ އިރު، މި މުޖްތަމައުއިން ދުންފަތުގެ ދުމުން ސަލާމަތްވެގެން އުޅުމަކީ ނާދިރު ކަމެކެވެ. ހަތަރު ފަރާތުގައި ވެސް އެކަމެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމުގެ" ގަވައިދުގެ ދަށުން އެފަދަ ދުމުން ސަލާމަތް ވުމަށް އުސޫލްތަކެއް ލިޔުމުން ކަނޑައެޅިފައިވެ އެވެ. އެ ގަވައިދުގައި ބުނާ ގޮތުން ކެފޭތަކުގައި ވެސް ހުއްދަ ދެވިފައި ހުންނަ ވަކި ސަރަހައްދެއްގައި ނޫނީ ސިނގިރޭޓެއް ނުބޮވޭނެ އެވެ. ހަމައެހެންމެ މީހުން ވަދެ ނުކުމެވާ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތައް ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާނގައި އޮންނަ ހާމަ ބިންތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދީން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތަކުގައިވެސް ސިނގިރޭޓް ބުއިން މަނަލެވެ. ނަމަވެސް ހިތާމައަކީ ގަވައިދުގައި އެހެން ލިޔެފައިއޮތަސް އެ ގަވައިދުތަކަށް އަމަލުނުކުރާތީ އެވެ.

އެ ގަވައިދު ތަންފީޒު ނުކުރެވުމާ ގުޅޭގޮތުން، ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، އެ ގަވައިދު އެންމެ އެކަށިގެންވާ ވަރަށް ތަންފީޒު ނުކުރެވެނީ މީހުން ގާނޫނާއި ގަވައިދަށް އިހުތިރާމް ނުކުރުމެވެ. ހަމައެއާއެކު ހޮޓާ ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރުމާއި އެކަން ހުއްޓުވުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކުން އެކަން ކުރާ މިންވަރު ދަށްވުން އެއީ ގާނޫނު ތަންފީޒް ކުރުމަށް ހުރި ގޮންޖެހުންތައް ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ފުލުހުންނެއް އާންމުކޮށް އެމީހުން ގޮސް ތަންތަން ބަލައެއް ނަހަދާ. ބަޔަކު ރިޕޯޓްކޮށްފިއްޔާ ދަނީ. ދެން ހެލްތުން ފިޔަވަޅު އަޅަން ބަލާއިރު ހެލްތުގައި އެވަރުގެ ވަސީލަތްތަކެއް ނެތް. މިސާލަކަށް އަޅުގަނޑުމެންގެ އިންސްޕެކްޓަރުންގެ ޓީމްތައް އެހާ ގިނައެއް ނޫން،" ހަސަން ވިދާޅުވި އެވެ.

ހަގީގަތުގައި ސިނގިރޭޓް ދުމުން މި ކުޑަ މުޖުތަމައު މިވަނީ ތަގައްޔަރުވެފަ އެވެ. ނުރައްކާ އިންތިހާ އެވެ. ހިތާމައަކީ އެ އަމަލު ހިންގި އެތައް ބަޔަކު ބަލި ދާނުގައި ތިބިއިރު އެއަމަލު ހިންގަން ފަށާ މީހުންގެ މިންވަރު އިންތިހާއަށް އިތުރުވަމުންދިއުމެވެ. އެންމެ ފަހުގެ ދިރާސާއަށް ބަލަމާތޯއެވެ. ދެހާސް އެގާރަ ވަނަ އަހަރު ހެދި އެ ދިރާސާއިން ދައްކާގޮތުން ރާއްޖޭގެ ފިރިހެނުންގެ ތެރެއިން 44 ޕަސެންޓް އަދި އަންހެނުންގެ ތެރެއިން 11 ޕަސެންޓް މީހުންނަކީ ދުންފަތުގެ އަޅުންނެވެ. އެމިންވަރު މިހާރު އެއަށްވުރެ މާ އިތުރުވާނެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އެއީ ޒުވާންކަން ގެއްލޭ ވަބާއެކެވެ. ޑރ. އައިޝަތު އަރޫނާ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލް ކުރުމާއި އޭގެ ދުމުގެ ސަބަބުން ޒުވާނުން ވަރުބަލި ވުމާއި ހަންގަނޑު ރޫޖެހުން އަވަސްވާ ކަމަށެވެ. އެއާއެކު އެމީހާއަށް އަވަހަށް މުސްކުޅި ސިފައެއް އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެސް އެކަން ތަޖުރިބާ ކުރެވޭ. ސިނގިރޭޓް ބޯ ކުދިން ވަރަށް އަވަހަށް އޯލްޑް [މުސްކުޅި] ވޭ. އެނުކުރާ ކުދިން ވަރަށް ޒުވާން ލުކިން،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާގޮތުން ދިވެހިންގެ ތެރެއިން ނުވަ އަހަރުގެ ކުދިން ސިނގިރޭޓް ބޯން ފަށަ އެވެ. ހަމައެއާ އެކު އަންހެން ކުދިން ދުންފަތުގެ އިސްތިއުމާލް ކުރުން ދަނީ ބާރު ސްޕީޑެއްގައި އިތުރު ވަމުންނެވެ. އޭގެ ތެރެއިން ގިނަ ކުދިންނަށް ސިނގިރެޓު ބޯން ފެށިފައި ވަނީ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ފުށުންނެވެ. އޭނާގެ ނުފޫޒުން ސިނގިރޭޓް ބޯން ދެނީ އެވެ. އަނެއް ބައި ކުދިން ސިނގިރެޓު ބޯން ފެށިފައި ވަނީ ލޯބިވެރިޔާއާ އެކު ވަގުތު ހޭދަކުރާ އިރު ގިނަ ވަގުތުތަކުގައި އޭނާ ސިނގިރެޓު ބޯތީ އެކަން ފެނި، ޓެސްޓް ކުރުމުގެ ގޮތުންނެވެ. ހަމައެހެންމެ ކޮފީތަކުގައި ކުރާނެ މަޖާ ކަމެއްގެ ގޮތުގައި އެކަން ކުރަން ބައެއް އަންހެން ކުދިން ފަށަ އެވެ.

"އަސްލު ފެށުނު އިރު ކުޑަކޮށް ޖެހިލުންވި. އެކަމު މިހާރު އަނެއްހެން މި ނުބޮއެ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ. އެނގޭ ދޯ ކަޑަކަމެއްކަން ވެސް. އެކަމު އަދި ނު ހުއްޓެނީ،" އުމުރުން 21 އަހަރުގެ ޔުމްނާ ލަތީފް (ޔުމް) ސިނގިރެޓު ބޯން ފެށުނުގޮތް ކިޔައިދެމުން ބުންޏެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު މަރުވަނީ ސީދާ ދުންފަތުގެ ސަބަބުންނެވެ. އަހަރެއްގެ ތެރޭގައި ދުންފަތަށް ދިވެހިން އެއް ބިލިއަން ރުފިޔާ ހަރަދުކުރާއިރު އާސަންދައިން ވެސް އެންމެ ބޮޑު ހަރަދެއް ކުރެވެނީ އެފަދަ ބަލިތަށެވެ. އެހެންކަމުން ދުންފަތް ވެފައި މިވަނީ މި ކުޑަ މުޖުތަމައު ބަލިމަޑު ކަމަކަށް ވައްޓާލި އެއްޗަކަށެވެ. އެވަބާއިން ސަލާމަތްވާންޖެހެ އެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި ދިވެހިންގެ ތެރެއިން 70 ޕަސެންޓް މީހުން ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވެ އެވެ. އޭގެ ތެރެއިން އަމިއްލައަށް ހުއްޓާލެވެނީ ތިން ވަރަކަށް ޕަސެންޓް މީހުނަށެވެ. ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުތައްވެސް މާލޭގައި މިވަނީ ފަހި ކޮށްފަ އެވެ. އެގޮތުން ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދަމަނަވެއްޓާއި ޔޫތު ސެންޓަރުން އެހީތެރިވެދީ ކައުންސެލިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މިކުޑަ މުޖުތަމައުއަށް ފުން ނަޒަރަކުން ވިސްނާލަމާތޯއެވެ. ދުންފަތުގެ އަޅުންނަށް ވުމުގެ ސަބަބުން އެތަކެއް މުޖުތަމައު މިވަނީ ކޯމާއެއްގަ އެވެ. އެއްބަޔަކު ފޯރީގައި ސިނގިރޭޓު ބޮއި ބަލި ދާނަށް ދަނީ އެވެ. ދެން އެ އިސްތިއުމާލް ނުކުރަން ތިބި ފަރާތްތަކަށް ވެސް ސަލާމަތެއް ނެތެވެ. ދިރިއުޅޭ މުޅި މާހައުލު އެ ދުމުން ތަޣައްޔަރު ކޮށްފައިވާ އިރު އެންމެ ފަހުން ކުށަކާ ނުލައި ބަލިމަޑު ކަމަކަށް ވެއްޓެނީ އެވެ.

ގަވައިދުތައް ހުރީ ތަންފީޒުނުވެ އެވެ. މިއީ ގައުމީ މައްސަލައަކަށްވެފައިވާ އިރު ކޮންމެ ގޮތެއް ހަދާފައި ވެސް ގާނޫނު ތަންފީޒްކޮށް އެ ދުމާއި ދުންފަތުގެ ނުރައްކަލުން އާންމުން ސަލާމަތްކުރަން އެބަ ޖެެހެ އެވެ.