މިއީ ރާއްޖޭގެ ތާރީޚުގައި ވެސް "އެއްވަގުތެއްގައި އެއް ހަރަކާތެއްގައި" ސްކޫލް ދަރިވަރުންތަކެއް އެއްފަހަރާ މިހާ ގިނައަދަދަކަށް ބައިވެރިވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރާ "މިނިވަން ރަންޔޫބީލް"ގެ މި އަހަރުގައި ރާއްޖޭގެ މަދްރަސީ ދަރިވަރުން ރެކޯޑެއް ގާއިމުކުރީއެވެ. "މިނިވަން 50 ސްކޫލް ދަރިވަރުންގެ ބައިވެރިވުން" މި ހަރަކާތް އިންތިޒާމްކުރި "މިނިވަން 50" އޮފީހުން ބުނި ގޮތުގައި މިއަދުގެ އެ ހަރަކާތުގައި ރާއްޖޭގެ ހުރިހާ ސްކޫލަކުން، މުދައްރިސުން ހިމެނޭގޮތަށް 100،000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހޯމް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، "މިނިވަން 50" އޮފީހުން ކުރިއަށް ގެންދިޔަ ސްކޫލްކުދީންގެ ހަރަކާތް ފެށީ މިއަދު ހަވީރު 4:15ގައެވެ. އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައެވެ. އެއް ވަގުތެއްގައި އެއް ހަރަކާތެއްގެ ގޮތުގައެވެ.

ހޮނިހިރު ދުވަހު ހިނގާލުން ކުރިއަށްދިޔަ ވަގުތު ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ކުއްޖަކު ސެލްފީ ނަގަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ، މިއަދުގެ ސްކޫލް ކުދިންގެ ހަރަކާތުގައި ލައްކައަކަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވޭ،" ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވި އެވެ.

މާފަންނު ސްޓޭޑިއަމުން ދަރިވަރުންތައް ނުކުންނަންފެށީ 4:15ގައެވެ. އެކުދީން ބޮޑުތަކުރުފާނުމަގުން ހިނގަމުންގޮސް ޓީ-ޖެޓީ ސަރަހައްދުން މާލެ-ވިލިނގިލި ފެރީޓާމިނަލްކައިރިންލާފައި ގޮސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ބޭރުމަގުން ގޮސް ޒުވާނުންގެ މަރުކަޒުކައިރިން މަޖީދީމަގަށް އަނބުރާލި އިރު އަދި ސްޓޭޑިއަމުން ނުކުންނަމުންދިޔަ ދަރިވަރުންގެ ސަފުތައް އެއްކޮށް ނުނިމެއެވެ.

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ސްކޫލް ކުދިން ހޮނިހިރު ދުވަހު ހަވީރު މާލޭގައި ބޭއްވި ހިންގާލުމުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑުމެން ލަފާކުރީ، މާލެއިން އެކަނި، 25،000 ދަރިވަރުން ބައިވެރިވާނޭ ކަމަށް. އެގޮތުން ވަރަށް އުފަލާއެކު ފާހަގަކުރަން މިއަދުގެ ހިނގާލުމުގައި މާލޭގެ ސްކޫލްތަކުން 20،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަން. އަދި ގިނަ އަދަދެއްގެ ބެލެނިވެރީންވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވެފައި،" ތަޒްމީލް ވިދާޅުވިއެވެ. "ސްޓޭޑިއަމުން ސްކޫލް ބޭންޑާއެކު ފުރަތަމަ ނުކުތް ދަރިވަރުން މަޖީދީމަގު މެދެއްހާ ހިސާބުން ފާށަނާކިލެގެ މަގުންލާފައި ޓީވީ މޯލްޑިވްސް ކުރިމަތިން އަމީނީ މަގަށް އަޅުވާލުމަށްފަހު ދެން ދިޔައީ އަމީނީ މަގުންލާފައި އަނެއްކާވެސް ސްޓޭޑިއަމަށް. އޭރު އަދި ފަހަތުން އައި ސަފުތައް އޮތީ މަޖީދީމަގުން ޗާންދަނީ މަގާ ހިސާބުގަ."

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ސްކޫލް ކުދިން ހޮނިހިރު ދުވަހު ހަވީރު މާލޭގައި ބޭއްވި ހިންގާލުމުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މާލެއެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް "މިނިވަން 50 ސްކޫލް ދަރިވަރުންގެ ބައިވެރިވުން" ކުރިއަށް ގެންދިޔައެވެ. ހަމަ އެއްވަގުތެއްގައެވެ. އެއް ހަރަކާތެއްގެ ގޮތުގައެވެ.

"މާލެނޫން އެހެން ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް އިންތިޒާމް ހަމަޖައްސާފައިވާނީ، ހަމަ މާލެއެކޭ އެއްގޮތަށް. ހުރިހާ ކުދީންނަށްވެސް ގައުމީ ދިދައާއި، މިނިވަން 50 ރަމްޒުކޮށްދޭ ބައެއް ތަކެތި ހަވާލުކުރެވިފައި ވާނެ،" ސިޔާސީގޮތުން އިދިކޮޅު ބައެއް ފަރާތްތަކުން، މިހަރަކާތުގައި ބައިވެރި ނުވުމަށް ފާޅުގައި ގޮވާލަގޮވާލަ ތިއްބާވެސް ކާމިޔާބުކަމާއެކު ހަރަކާތް ކުރިއަށް ގެންދެވުނުކަން ފާހަގަކުރައްވަމުން ތަޒްމީލް ވިދާޅުވި އެވެ.

މާލޭގައި ހޮނިހިރު ދުވަހު ބޭއްވި މިނިވަން 50 ޕެރޭޑުގެ ތެރެއިން ---- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ހޮނިހިރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ސްކޫލް ދަރިވަރުންގެ ހަރަކާތުގެ ކާމިޔާބީ ފާހަގަކުރައްވައި ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދުގެ ހިނގާލުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100،000 އަށްވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި ކަމަށާއި އެކަމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ދެން އޮތީ އެހެން ރެކޯޑެއްގެ ފެށުމެވެ. އެވެސް ހަމަ މިނިވަން ރަންޔޫބީލާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެއްގެ ފެށުމުގެ ވާހަކައެވެ. ހަވީރު އިރު "ދޮންވަމުން" ހުޅަނގުފަރާތަށް ތިރިވަމުންދިޔައިރު، ފުރަމާލޭގެ ހުޅަނގު އުތުރު ފަރާތަށް ވެސް ދިޔައީ އިންތިހާއަށް ބާރުބޮޑުވަމުންނެވެ. "މާފަންނު ސްޓޭޑިއަމް" ސަރަހައްދުގައި ސްކޫލްތަކުގެ އެތަކެއް ހާސް ދަރިވަރުންނާއި އެ ކުދީންގެ ބެލެނިވެރީންނާއި އަދި އެނޫނަސް އެތަކެއް ސަތޭކަ ބަޔަކު ދިޔައީ ތާރީޚީ ހިނދުކޮޅެއްގެ ފެށުމަށް އިންތިޒާރުކުރަމުންނެވެ. އާނއެކެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ދިވެހީން ފުރަތަމަ ފަހަރަށް ވައިކުޑައިގައި "ޖައްވީ ފީނުމެއްގައި" ބައިވެރިވުމުގެ ތަމްރީނުތައް ފެށުމުގެ "ޓެސްޓް ޑައިވް"ގެ ތާރީޚީ ވަގުތުކޮޅެވެ.

މިނިވަން 50 ފާހަގަކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ސްކައި ޑައިވްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އެހެރަ އަންނަނީ"، "އެއޮއް ތިރިވަނީ"، އުފާވެރިކަމާއެކު އާޝޯޚުވެތިބެ ކުދިވެރީން ހަޅޭއްލަވަން ފެށިއެވެ. ސްޓޭޑިއަމްތެރެއިން ކަޅުތުއްކަލާ ކޮށްޓާވީ ދިމާއަށް ހުރިހާ ކުދީންނާއި އެތަނަށް ޖަމާވެފައިވާ އެތަކެއް ހާސްބަޔަކު ދުއްވައިގަތެވެ. އޭރު "މިނިވަން ވަޔާ ކުޅެލާށެ ތާޒާ މީނިޝާނެ އުޖާލާ،"ގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމަމުން ދިޔައީ މިނިވަންކަމުގެ އުފާ ލިބިގަތުމަށް މީގެ އަހަރު ކުރީން ހަދާފައިވާ ރީތި ލަވައިގެ އަޑުންނާއި އެއްވެތިބި މީހުންނާ ކުދިވެރީންގެ އުފާވެރި ހަޅޭކުގެ އަޑުންނެވެ.

އިސާހިތަކު ބޯމަތިން އުދުހެމުންދިޔަ މަތިންދާ ބޯޓުން ވައިކުޑަ "ޕެރަޝޫޓް" އަޅައިގެން ތިބި ހަތަރު މީހުން ފުންމާލި އެވެ. މީގެ ކުރީން އެ މަންޒަރު ހަމަލޮލަށް ފެނިފައި ވަނީ އަހަރެމެންގެ މަދުބަޔަކަށެވެ.

އިރުއޮއްސެމުން ދިޔައިރު ފެނިގެން ދިޔައީ ހަމައެކަނި އިރުއޮއްސޭ އާދަޔާޚިލާފު ރީތި މަންޒަރު އެކަންޏެއް ނޫނެވެ. މިނިވަންކަމާއެކީ ވިހުރުވި ވިހުރުވި ހުރި ދިވެހީންގެ ފަޚުރުވެރި ނިޝާން "ދިވެހި ގައުމީ ދިދަ" އެތަކެއް ހާސް ފޫޓު މަތީން ޖައްވުގެ ތެރޭގައި ވިހުރުވެމުން ބިމާދިމާއަށް އައި މަންޒަރެވެ. މެލޭޝިއާގެ ހަތަރު "ޕެރަޝޫޓިސްޓުން" ވައިކުޑައިގައި ދިވެހި ދިދަ އާއި މިނިވަން 50ގެ ދިދަ ހިފައިގެން ބިމާދިމާއަށް ފޭބި ހިތްގައިމު މަންޒަރެވެ. މިއީ މިނިވަން 50އަށް، އަންނަ ޖުލައިމަހުގެ 26،27ގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ދިވެހި 15 ޒުވާނުން ވައިކުޑައިގައި ފައިބާ ހަރަކާތުގެ ތަމްރީނުތަކުގެ ފެށުމެވެ.

މިނިވަން 50 ފާހަގަކުރުމަށް ގިނައަދަދެއްގެ ސްކޫލް ކުދިންނާ އެކު ހޮނިހިރު ދުވަހު ހަވީރު ބޭއްވި ހިނގާލުމުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑުމެން ވަރަށް އުފާވެއްޖެ. މިއީ ވަރަށް ދެކޭހިތުން ތިބި މަންޒަރެއް. ވަރަށް މަޖާ،" ގައުމީ ދިދަ ހިފައިގެން އުފަލުން ހެވި ދިލިފައި ތިބި ދަރިވަރުންތަކެއް އެކުދީންގެ އެ "އުފާވެރިކަން" ސަންއަށް ކިޔައިދިނެވެ. އަދި އެވަރުން ފުއްދާލީކީވެސް ނޫނެވެ. ސްކައި ޑައިވަރުންނާއެކު ސެލްފީތައްވެސް ނެގިއެވެ. "އަދި އެމީހުންނާއެކީ ފޮޓޯއެއްވެސް ނަގާލެވޭތޯ މިއުޅެނީ."

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހަވީރު މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން. ކުދީންތަކެއް ސްކައިޑައިވަރުންނާކުއެ ސެލްފީ ނަގަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ދަރިވަރުންގެ އިހްސާސްތައް މިފަދައިން ހުރިއިރު، ބެލެނިވެރިންވެސް ބުނަމުން ގެންދިޔައީ، "މިފަދަ އުފާވެރި ދުވަސްތައް ގިނަގިނައިން ގެންނަން އެބަޖެހޭ. ހަގީގަތުގައި ވެސް ކުދިވެރީން މިތިބީ ވަރަށް އުފާވެފައި. ވަރަށް ގަޔާވެފައި. މިއީ މުސްތަގުބަލުގައި އެކުދީންވެސް މިކަމާ ވިސްނާނެ، މިއިން ފައިދާ ނަގާނެ ކަމެއް" ކަމަށެވެ.

ސަރުކާރުން ބުނަމުން ގެންދަނީ ދިވެހީންގެ މިނިވަންކަމާ ގުޅުވައިގެން އާ ކަންތައްތަކެއް ފެނިގެންދާނޭ ކަމަށެވެ. އަދި މިނިވަންކަމަށް 50 އަހަރު ފުރޭ މި ރަންޔޫބީލަކީ މިނިވަން ދިވެހީންގެ ހިތްތައް އުފަލުން ފުރުވާލާނޭ އަހަރަކަށް ހަދާނޭ ކަމަށެވެ. ފަޒާގެ ތެރެއަށް ހަމައެކަނި ދޫކޮށްލާނީ "ހަވާ" ނޫންކަމާއި "ޖައްވީ ކުޅިވަރުތައް"ވެސް ތައާރަފްކުރާނޭ ކަމުގެ އުފާވެރި ޚަބަރު ދިނެވެ. އަދި މީގެ ސަބަބުން ދިވެހި ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނޭ ކަމުގެ އުފާވެރި ޚަބަރުވެސް ދިނެވެ.

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ބޭއްވި ސްކޫލް ކުދިން ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ދިވެހި 15 ޒުވާނުން، ދިވެހި ދިދައިން ހަދާފައިވާ 15 ވައިކުޑައިގައި ފުންމާލާނީ މިނިވަން 50ގެ ދިދަ ވިހުރުވަމުން. މިއީ އެ ހަރަކާތަށް ދިވެހި ޒުވާނުން ތަމްރީނުކުރާން ބޭއްވި ޓެސްޓު ބުރު،" ދިވެހި 50 ޒުވާނުން ތަމްރީނުކުރުމަށް މެލޭޝިއާއިން ރާއްޖެ އައިސްތިބި އަށް ތަޖްރިބާކާރުންގެ ތެރެއިން ހަތަރު ޕެރަޝޫޓިސްޓުން މިއަދު ދައްކާލި ހަރަކާތާ ބެހޭގޮތުން ތަޒްމީލް ވިދާޅުވި އެވެ.

މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދާނީ، ހަމަ އެކަނި ޖުލައިމަހުގެ 26،27އާ ހަމައަށް ނޫން ކަމަށާއި ރަންޔޫބީލްގެ އުފާވެރިކަމުގެ މި ހާއްސަ ހަރަކާތްތައް މުޅި އަހަރު ތެރޭގައި ކުރިއަށް ގެންދާން ނިންމާފައިވާ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.