ހދ. ކުޅުދުއްފުށީގައި 2009 ވަނަ އަހަރު ސަރުކާރުން ބޭއްވި ޑިމޮކްރެސީ ފެއާގައި ބައިވެރިވުމަށް އެ ރަށަށް ދިޔަ ބައެއް މީހުންގެ ހުރުމުގެ ކަންތައް ހަމަޖައްސައިދިނުމުގައި މަގާމުގައި ނުފޫޒުބޭނުންކޮށްގެން 1100ރ. ނެގިކަމުގެ ތުހުމަތުގައި ހދ. އަތޮޅު އޮފީހުގެ މުވައްޒަފެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރޮޕަޝަން ކޮމިޝަން )އޭސީސީ( އިން ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އަށް މިއަދު އެ މައްސަލަ ހުށަހަޅައިފި އެވެ.

އެކޮމަޑޭޝަން ހަމަޖެއްސުމުގައި ނާޖާއިޒު ފައިދާ ނަގައިފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައެއް ތަހުގީގުކުރުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނަނީ، އެކޮމިޝަނުން ދައުވާކުރުމަށް އެދިފައިވަނީ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމާ އޭރު ހަވާލުވެހުރި ހދ. އަތޮޅު އޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ، އަބްދުﷲ އިގްބާލުގެ މައްޗަށް ކަމަށެވެ.

"ފެއާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އެކޮމޮޑޭޝަންގެ ކަންތައްތައް ބެލުމަށްޓަކައި ހދ. އަތޮޅު އޮފީހުގެ ފަރާތުން ކަނޑައަޅައިފައި ހުރި އެ އޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ އަބްދުﷲ އިގްބާލް، ހދ. ކުޅުދުއްފުށީ ދީދަރު، ގޭގެއަށް ގޮސް ކޮޓަރި ހަމަޖެއްސުމަށް ގޭގޭގެ މީހުންނާ ވާހަކަދައްކައި ގޭގޭގެ ވެރިން ކޮޓަރި ކުއްޔަށްދިނުމަށް އެއްބަސްވި އަގަށްވުރެ ބޮޑު އަގު ބިލުތަކުގައި ހިމަނައިގެން ބިލްތައް ތައްޔާރުކޮށް، ބިލުތަކުގައި ގޭގޭގެ ވެރިންގެ ނަމުގައި އަބްދުﷲ އިގްބާލު ސޮއިކޮށްފައިވާކަން އެނގެ އެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އޭނާގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލިގެންދިޔަ 1100ރ. ހޯދުމަށް، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 )ހ(ގެ ދަށުން ޕީޖީ އަށް މިއަދު ފޮނުވައިފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.