އައްޑޫ ސިޓީގެ ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓްގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ރޭ ގަނޑުގެ ވަގުތުތަކުގައި ފިހާރަތައް ބަންދުކޮށްފައި ބަހައްޓަން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައިވަނީ އައްޑޫ ސިޓީގެ ސަރަފުއްދީން ސްކޫލްގައި ރޭ ކައުންސިލުން އިސްނަގައިގެން އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ހުޅުމީދޫގެ ވިޔަފާރިވެރިން ފިޔަވައި 145 ވިޔަފާރިވެރިއަކު ބައިވެރިވި އެ ބައްދަލުވުމުގައި ނެގި ވޯޓުން 9 ފަރާތެއް ފިޔަވާ އެހެން ހުރިހާ ވިޔަފާރިވެރިން ވޯޓްދިނީ ރޭގަނޑު ވިޔަފާރިތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގ (ސޯބެ) މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ މާޗްމަހުން ފެށިގެން އައްޑޫ ސިޓީގެ ވިޔަފާރިތަކުން ކަރަންޓްގެ އަގު ބޮޑުކޮށްފައިވާތީ، ވިޔަފާރިތައް ރޭގަނޑު ވަގުތުތަކުގައި ބަންދުކުރަން ވިޔަފާރިވެރިން ކައުންސިލަށް ހުށަހެޅި ކަމަށެވެ.

ސޯބެ ވިދާޅުވީ ވިޔަފާރިވެރިންގެ އެ ހުށަހެޅުމަށް ރޭ ނެގި ވޯޓުގައި ބައިވެރިވި ފަރާތްތަކުންއިއްތިފާގުން ރޭގަނޑުގެ ވަގުތުތަކުގައި ވިޔަފާރިތައް ބަންދުކޮށްފައި ބެހެއްޓުމަށާއި ރެސްޓޯރެންޓްތަކާއި ކެފޭތައް އަދި ޕެޓްރޯލް ޝެޑްތައް އަވަހަށް ބަންދުކުރުރަން ފާސްކުރި ކަމަށެވެ. ނަމަވެސް ކައުންސިލުން އެކަން ތަންފީޒު ކުރާނީ ހުޅުމީދޫގެ ވިޔަފާރިވެރިންނާ އެކު ނަގާ ވޯޓަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ނިންމޭނީ ހުރިހާ ވިޔަފާރިވެރިން އެއްބަސްވެގެން ކަމަށް ކައުންސިލުން ވާނީ އަންގައިފައި، ރޭ ހުޅުމީދޫ ނޫން އެހެން ހުރިހާ ރަށެއްގެ ވިޔަފާރި ވެރިން ނިންމީ ވިޔަފާރިތައް ރޭގަނޑު ބަންދުކުރަން،ނަމަވެސް ވޯޓުން ނިންމި ގޮތް ތަންފީޒުކުރެވޭނީ ހުޅުމީދޫގެ ވިޔަފާރިވެރިން ވެސް ނިންމާ ގޮތެއް ބަލާފައި،" ސޯބެ ވިދާޅުވި އެވެ.

ވިޔަފާރިތަކުގެ ތެރެއިން ފިހާރަތައް ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހެނދުނު 6:00 އިން ރޭގަނޑު 11:00 އަށް އަދި ވޯކްޝޮޕް ގަރާޖްފަދަ ތަންތަން ހެނދުނު 6:00 އިން އިރުއޮއްސި 6:00 އާ ދެމެދުގެ ގަނޑިތަކުގައި ނޫނީ ނުހުޅުވާ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

މީގެއިތުރުން ކަރަންޓްގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ފިނިކުރި ކާބޯތަކެތިން 30 ޕަސެންޓް އަދި އެހެނިހެން މުދަލުން 5 ޕަސެންޓް ނެގުމަށް ވެސް ރޭގެ އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ވިޔަފާރިތަކުގެ ކަރަންޓް ބިލްތަކަށް ބަލާއިރު 4.75 ލާރި ޔުނިޓަކަށް ކުރިން ނެގި ނަމަވެސް މިހާރު ނަގަނީ 6 ރުފިޔާ އެވެ. އެހެންކަމުން ކުރިން 800 އަރާ ބިލްތަކަށް މިދިޔަ މަހު 2400 އަރާފައިވާ ކަމުގެ ޝަކުވާ ކައުންސިލަށް ވަނީ ލިބިފަ އެވެ.

ތެލުގެ އަގު ބޮޑުވެފައިނުވާއިރު ކަރަންޓްގެ އަގަށް އެހާ ބޮޑު ބަދަލެއް އައިސްފައިވާތީ އެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.