28 Feb 2011, 17:03
ޖެނީވާ : ގައްޒާފީގެ ދައުރާއި ޒަމާން މިހާރު ނިމިއްޖެ ކަމަށާއި މިހާރު އެމެރިކާ މަސައްކަތްކުރަމުން ގެންދަނީ ގައްޒާފީއަށްފަހު ފެށިގެންމިދާ މަރްޙަލާގައި ކަންތައްތައްކުރަންޖެހޭނެ ގޮތްތަކާބެހޭގޮތުން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.
ޖެނީވާގައި ދެއްވި ބަޔާނެއްގައި ހިލަރީ ވިދާޅުވީ ގައްޒާފީއަށްފަހު ފެށިގެންމިދާ މަރްޙަލާގައި ކަންތައްތައް ބައްޓަންކުރާނެ ގޮތްތަކާބެހޭގޮތުން ޢަރަބި ޤައުމުތަކާއި ޔޫރަޕްގެ ޤައުމުތަކާއެކު ކުރަންޖެހޭ މަޝްވަރާތައް އޭނާ މިހާރު ފައްޓަވާފައިވާ ކަމުގައެވެ. \
އެެމެރިކާގެ ޚާރިޖިއްޔާއިން މިއަދު ބުނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާ ރައްޔިތުންގެ ލީޑަރުންނާ ފުރަތަމަ ފަހަރަށް އެމެރިކާގެ މަސްއޫލުވެރިން ގުޅުއްވައި ވާހަކަ ދައްކާފައިވާ ކަމުގައެވެ. ހިލަރީ ކްލިންޓަންވެސްވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.
ހިލަރީ ވިދާޅުވީ އެމީހުން (ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ލީޑަރުން) އެދޭ ކަންކަމުގައި އެހީތެރިކަން ދޭން އެމެރިކާ ތައްޔާރަށް އޮތް ކަން އެބޭފުޅުންނަށް އަންގާފައިވާނެ ކަމުގައެވެ. ނަމަވެސް ގައްޒާފީ ޤައުމުން ބޭރަށް ވަޑައިގަތުމާބެހޭގޮތުން، ލީބިޔާގެ ވެއްޓެމުންދާ ސަރުކާރާ އެމެރިކާ ވާހަކަ ނުދައްކާކަމަށް ހިލަރީ ވިދާޅުވިއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ދެން ބޭނުންވަނީ ގިނަވެގެން ހައެއްކަ ދުވަސްކަމަށާއި ރައްޔިތުންގެ ކޮޅަށް ޖެހިފައިވާ ލީބިޔާ ސިފައިންގެ އިސްއޮފްސަރުންނާ ގުޅިގެން ގައްޒާފީގެ ކިއްލާއަށް ޙަމަލާދީ ގައްޒާފީގެ ނިޒާމް ވައްޓާލައި ޓްރިޕޮލީ މިނިވަން ކުރުމުގެ ޕްލޭނެއް ތައްޔާރުކުރުމުގެ ކަންތައް މިހާރު ނިމިފައިވާ ކަމަށް ބެންޣާޒީގައި މިހާރު އެކުލަވާލާފައިވާ ލީބިޔާގެ ރައްޔިތުންގެ ވެރިކަމުގެ ވަގުތީ އިދާރާ (ރިވޮލިއުޝަނަރީ ވަގުތީ ސަރުކާރު) ގެ ވެރިޔާ މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވިއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ލީޑަރުންވަނީ ލީބިޔާއަށް ޢަސްކަރީ ގޮތުން ނުވަނުމަށް އެމެރިކާއަށާއި ހުޅަނގުގެ ބާރުތަކަށް އިންޒާރުކޮށްފައެވެ.
ގައްޒާފީ ވައްޓާލުމުގެ ނަމުގައިވެސް އެމެރިކާފަދަ ބޭރުގެ ބާރެއް ލީބިޔާއަށް ވަދެއްޖެނަމަ ލީބިޔާގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ އެކަމުގެ ފައިދާ ގައްޒާފީއަށް ލިބިގެންދާނެ ކަމަށާއި ބޭރުގެ ބާރުތަކުން މަސައްކަތްކުރާނީ ލީބިޔާގެ ތެލުގެ ވަސީލަތްތަކަށް އަތްގަދަ ކުރުމަށް ކަމަށް މިފަރާތްތަކުން ދެކެއެވެ. ޢިރާޤުން މިކަމުގެ މިސާލްތައް ފެނިއްޖެ ކަމަށާއި ލީބިޔާގެ ރިވޮލިއުޝަނުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރްސަތު ބޭރުގެ އެއްވެސް ބާރަކަށް ނުދޭނެ ކަމަށް ލީބިޔާގެ ރައްޔިތުންގެ ލީޑަރުން ވިދާޅުވެއެވެ. -- އަލްޖަޒީރާ، ޤޫރީނާ ދުވަހު ނޫސް