13 Apr 2010, 11:53
14:30
ބަނގުރަލާއި އޫރު މަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމުގެ ބިލަކީ ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި އެބިލު ބަލައި ނުގަންނާނެ ކަމަށާއި ބިލު އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ އިބްތިދާއީ ބަހުސްގައި ބިލާ އެންމެ ބޮޑަށް ދެކޮޅުހެއްދެވި މެންބަރުންގެ ތެރެއިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، މި ބިލަކީ ސިޔާސީ ގޮތުން ލައިގެން އުޅޭ ބިލެއް ކަމަށެވެ. އަދި މިބިލު ފާސްވެއްޖެނަމަ ރާއްޖޭގެ ޓޫރިޒަމަށާއި، ޓޫރުޒަމުންނަގާ ޓެކްސްތަކަށް ވާނީ ކިހިނެއްތޯ ވެސް މޫސަ ސުވާލު ކުރެއްވި އެވެ. އަދި މި ބިލުން އެ ކަންތައްތައް މަނާކުރާއިރު، ރާ ހިފައިގެން ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުން ދަތުރުކުރާ ބޯޑުފަހަރާ ދޭތެރޭ ކަންތައްކުރާނީ ކޮން ގޮތަކަށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އިސްލާމީ އުސޫލުން މިކަން މަނާކުރެވޭނަމަ ޒިނޭކުރުމާއި ފާހިޝް އަމަލުތައް މަނާކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މޫސަ ވިދާޅުވީ މި ބިލަށް ތާއީދު ނުކުރައްވާ ކަމަށާއި ބިލަށް ވޯޓު ވެސް ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ، މި ބިލް ފާސްވެއްޖެނަމަ، ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރަމުންދާ ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ. އަދި އިސްލާމީ ތާރީހަށް ބަލާއިރު މުސްލިމުންގެ ރަށްތަކުގައި ކާފަރުން އުޅެ، ރާބޮއި ހަދާފައިވާ ކަމަށާއި، ރާއްޖޭގައި ބަނގުރާ ހުންނަނީ ދިވެހިންނަށް ވިއްކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިސްލާމީ އުސޫލުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި އޮންނަ އެއްޗެއްކަން ފާހަގަކުރައްވައި އެއްވެސް ހާލަތެއްނެތް ހާލަތެއްގައި ބަނގުރާ ބޮއެ، އޫރުމަސް ކެވިދާނެ ހާލަތްތައް އިސްލާމް ދީނުގައި އޮންނަ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
މި ބިލަށް ފާޑުވިދާޅުވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ބަނގުރާ ރާއްޖެ އެތެރެކުރިއަސް ދިވެހިން ރާ ބޯން ނުޖެހޭނެ ކަމަށެވެ. އަދި ކަމަށް ބަދަލުގެންނަ ހާލަތާއި ވަގުތަށް ބަލަންޖެހޭ ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގެ ޓޫރިސްޓް އިންޑަސްޓްރީ ހަލާކުވެގެން ހިނގައިދާނެ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.
މި ބިލަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި ބަނގުރާ ނެތިއްޔާ ރިޒުގު ބަންދުވެދާނެ ފަދަ ގޮތަކަށް ބައެއް މެންބަރުން ވާހަކަ ދައްކަވާކަމީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖެއަށް މިހާރު ދިމާވަމުންމިދާ ކަންތައްތަކަކީ، ހަލާލު ތަކެތިން ބޭނުންކުރުމަށް ދީނުގައި އަންގަވާފައިވާއިރު އެ ނޫންތަކެތިން ބޭނުންކުރުމުގެ ސަބަބުން ދިމާވާ ކަންތައްތައް ކަމަށް ވިދާޅުވެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުންނަށް ސަލީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވިދާޅުވީ، މި ބިލަކީ މުހިއްމު ބިލެއް ކަމަށް. އަދި ބަނގުރަލަކީ ހަރާމް އެއްޗަކަށްވާއިރު އެކަން މަނާކުރުމަށް މަޖިލީހަށް އަންނަ ބިލަށް މެންބަރުން އާނބަސް ބުނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ބިލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ހިއްސާކުރާ ޓޫރުޒަމް ހަލާކުވެދާނެ ކަމަށް މެންބަރުން ވާހަކަ ދައްކަވާއިރު އެފަދަ ކަމެއް މަނާކުރުމުން އާމްދަނީ ލިބޭނެ ގޮތްތައް ފަހިވާނެ ކަމަށާއި، މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި ބަނގުރާ ނުވިއްކާއިރު ވެސް ރާއްޖެއަށް ރިޒުގު ލިބެމުންދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިއަދު ޓޫރިޒަމްގެ ވާހަކަ ދައްކާއިރު ރާއްޖޭގެ މަސްވެރިކަން ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން މާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލު މަޖިލީހުން ބޭރުކޮށްލުމަށްފަހު، އެކަންތައް ރާއްޖޭގައި މުޅިން މަނާކުރާ ބިލެއް ހުށަހެޅުއްވުމަށް މަޖިލީހުގެ މެންބަރުން އެދިވަޑައިގެން ހުށަހެޅުއްވި ބިލެއް ކަމަށެވެ. ނަމަވެސް މުއްތަލިބު އެ ހައްދަވަނީ ދޮގުކަމަށް، ނިޒާމީ މައްސަލަ ނަންގަވައިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރިއުޅޭ ތަންތަން ކުއްޔަށްދިނުމުގެ ބިލުގެ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންދަވައިފަ އެވެ.