ޗައިނާގެ ދެކުނު ކަނޑުގައި އުފައްދާ އާޓިފިޝަލް ރަށްތައް ކައިރިން ހަނގުރާމަ މަތީ އުޅަނދު ކަމަށްވާ ދެ ޓޭންކެއް ފެނިފައިވާ ކަމަށް އެމެރިކާ އޮފިޝަލުން ބުނެފި އެވެ.

ދުވަސްކޮޅެއް ކުރިން އެ އުޅަނދުތައް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވާ އިރު އެތަކެތި މިހާރު ހުރި ކަމެއް ނުވަތަ އެހެން ތަނަކަށް ބަދަލު ކޮށްފައިވާ ކަމެއް އެނގިފައި ނުވާ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. އެތަނުގައި ހަތިޔާރު ހުރި ކަމެއް ވެސް ނޭނގޭ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ޑިފެންސް ސެކްރެޓަރީ އެޝްޓަން ބީ ކާޓާ އެދިވަޑައިގެންފައި ވަނީ ޗައިނާ އިން ތައްޔާރު ކުރަމުންދާ އެ ރަށުގެ މަސައްކަތް މަޑު ޖައްސާލުމަށެވެ. ސަބަބަކީ އެ ސަރަހައްދަކީ އެމެރިކާ އިން ބަލައި ނުގަންނަ ސަރަހައްދަކަށް ވެފައި އެ ސަރަހައްދުގައި އެމެރިކާގެ މިލިޓްރީ އެއާކްރާފްޓްތައް ހަރަކާތްތެރި ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ނޫނަސް ރަށް ރަށުގެ މަސައްކަތްތައް ކުރާ ކަމަށް ވެސް ކާޓާ ވިދާޅުވި އެވެ.

މީގެ މަހެއްހާ ދުވަސް ކުރީގެ ސެޓްލައިޓް ފޮޓޯތަކަކުން ވެސް އެރަށްތައް ކައިރީ އޮތް ދެ އުޅަނދު ފެނިފައިވާ ކަމަށް އެހެން އޮފިޝަލަަކު ވަނީ ވިދާޅުވެފަ އެވެ.

ވޭތުވެ ދިޔަ 18 މަހުގެ ތެރޭގައި ޗައިނާ އިން ވަނީ ސުޕްރެޓްލީ ރަށްތައް އޮންނަ ސަރަހައްދުގައި 2،000 އޭކަރުގެ އާ ޓެރެޓަރީއެއް ހަދަން ފަށާފަ އެވެ. އެއީ އެތަނުގައި އޮތް އެންމެ ބޮޑު އެއް ޓެރެޓޮރީ ކަމަށް ކާޓާ ވިދާޅުވެފައިވާ އިރު އެ ސަރަހައްދު އަދި ކިހާވަރަކަށް ބޮޑުކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.