އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ވަނީ އެކަން މެމްބަރުންނަށް މިހާރު އަންގައިފަ އެވެ. އަންނަ ހަފްތާގެ ބުރާސްފަތީގައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަޖިލީހުގެ އިދާރާ އިން ނިންމާފައިވާ އިރު މެމްބަރުން މިހާރު ހުންނެވީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލެއްވުމަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއްގައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާ މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު މަޖިލީހުން ވަނީ ތިން ބިލެއް ފާސްކޮށްފަ އެވެ. އެއީ ދިވެހިރާއްޖޭގައި އަލަށް ގާއިމް ކުރުމަށް ނިންމި އިސްލާމިކް ޔުނިވާސިޓީގެ ބިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި ޕަބްލިކް ސާވިސް މީޑިއާ އުފެއްދުމަށް ހުށަހެޅި ބިލުގެ އިތުރުން އެންމެ ފަހު ޖަލްސާގައި ފާސްކުރި ސިއްހީ ހިިދުމަތްތެރިންގެ ބިލެވެ.

ހަމަ އެއާ އެކު ހަ ގާނޫނަކަށް އިސްލާހު ގެނެސް އެ އިސްލާހުތައް ވެސް މިދައުރުގެ ޖަލްސާތަކުގައި ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާ މި އަހަރަށް ހުޅުވި ޖަލްސާ އިން ފެށިގެން އިދިކޮޅު އެމްޑީޕީން ދިޔައީ މަޖިލީހުގައި ކެނޑިނޭޅި އިހުތިޖާޖު ކުރަމުން ނެވެ. އެކަމުގެ ސަބަބުން ޖަލްސާތައް ބްރޯޑުކާސްޓް ކުރުން ވެސް މަޖިލީހުގެ އިދާރާއިން ހުއްޓާލި އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލެއްވި ދުވަހު މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަމުން ދިޔައިރު ވެސް މަޖިލިސް "ދަތި ހާލުގައި" ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް މި ދައުރުގައި ކޮށްދެވިފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 83 ވަނަ މާއްދާގައި ބުނެފައި ވަނީ އަހަރަކު ތިން ދައުރު މަޖިލީހުގައި އޮންނަން ވާނެ ކަމަށެވެ. އަދި އެއިން ކޮންމެ ދައުރެއް ނިންމާ ތާރީހާ ފަށާ ތާރީހު މަޖިލީހުގެ ގަވާއިދުގައި ބުނެފައި އޮންނަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 16ވަނަ މާއްދާ (ށ) ގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު އޮންނާނީ އެ އަހަރެއްގެ މާޗު މަހުގެ އެއްވަނަ ދުވަހުން އޭޕުރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ޖޫން މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ދެވަނަ ދައުރު އޮންނަ އިރު ތިންވަނަ ދައުރު އޮންނާނީ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގެ (ނ)ގައި ބުނެފައި ވަނީ މަޖިލީހުގެ ތިން ދައުރެއް އޮންނަ އިރު އެއިން ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ ޖަލްސާތައް ފަށާނީ ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށެވެ.