30 May 2015, 11:31
އިންޑިއާ އިން އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިގެން އުޅޭ ޖައްމޫ އެންޑް ކަޝްމީރުގެ މައްސަލަ ސުލްހަވެރި ގޮތުގައި ހައްލު ކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ގޮވައިލުމުން އިންޑިއާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.
ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމާއަތުގެ ލީޑަރުންނާ ދެކޮޅަށް އިންޑިއާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމަށާއި ކަޝްމީރުގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް ގޮވާލާ ގަރާރެއް ބުރާސްފަތި ދުވަހު އޯއައިސީ އިން ފާސްކުރި އެވެ. ކުވައިތުގައި އޮތް އޯއައިސީގެ ބައްދަލުވުމުން ފާސްކުރި އެ ގަރާރަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގަރާރެއް ނޫން ކަމަށް އިންޑިއާ އިން އިއްޔެ ބުންޏެވެ.
"...އިންޑިއާގެ ކަޝްމީރު ސްޓޭޓާ ބެހޭ ގޮތުން އޯއައިސީން ފާސްކުރި ގަރާރު އަހަރެމެން ދެކެފީމު. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގަރާރެއް ނޫން،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސުވަރުޕް ވިދާޅުވި ކަމަށް ހިންދުސްތާން ޓައިމްސް ނޫހުން ބުންޏެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އިންޑިއާގެ ދާހިލީ ކަންކަމާ ނުބެހުމަށް އޯއައިސީ އަށް ގޮވައިލައްވާ ކަމަށެވެ.
އޯއައިސީގެ 42 ވަނަ ޖަލްސާ އިން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ކަޝްމީރުގެ ރައްޔިތުން އެމީހުންގެ މިނިވަން ކަމަށް ކުރާ މަސައްކަތަކީ ޓެރަރިޒަމް ކަމަށް އިންޑިއާ އިން ބަލާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.