30 May 2015, 11:21
ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ޗެކްކުރާތީ ދުވާލު ވަގުތުތަކުގައި ދިވެހި ސޭޓުން އަދި ރޭގަނޑު ވަގުތު ތަކުގައި ބިދޭސީ ސޭޓުން ބައިތިއްބަން ފަށައިފި އެވެ.
މާލޭގެ ގިނަ އަދަދެއްގެ ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނަށް ސަންގެ ނޫސްވެރިން ބެލިއިރު އޭގެތެރެއިން ބައެއް ތަންތަނުގައި ދުވާލު މަސައްކަތް ކުރަނީ ދިވެހި ސޭޓުންނެވެ. ނަމަވެސް ރޭގަނޑު އެތަންތަނުގައި މަސައްކަތް ކުރަނީ ބިދޭސީ ސޭޓުންނެވެ.
މިކަމާ ބަހޭގޮތުން ސުވާލުކުރުމުން މާލޭގެ ކެފޭއެއްގައި އުޅޭ ބިދޭސީ ސޭޓަކު ބުނީ އެގޮތަށް އަމަލުކުރަނީ އިމިގްރޭޝަނުން އެތަން ޗެކްކުރަނީ ހަމައެކަނި ދުވާލުވަގުތުގައި ކަމަށް ވާތީ ކަމަށެވެ.
"އިމިގްރޭޝަން އޮފިސަރުން ތަންތަން ޗެކްކުރަން ދަނީ ހަމައެކަނި ދުވާލު. ރޭގަނޑު އެމީހުން ނުދޭ ޗެކްކުރަން. އެހެންވީމަ ރޭގަނޑު ބޭރު މީހުން ތިބެނީ. މިތަން ވެސް ޗެކްކުރަނީ ދުވާލު ވަގުތު. އެވަގުތު މިތާ ހުންނަނީ ދިވެހި ސޭޓު،" ބިދޭސީ މީހާ ބުންޏެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ އެފަދަ ޝަކުވާތައް އެޑިޕާޓްމަންޓަށް ލިބެމުން އަންނަ ކަމަށާއި ފުލުހުންވެސް ބައިވެރިކޮށްގެން ޗެކްކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.
ބިދޭސީ ސޭޓުން ގެންގުޅޭ ތަންތަން އިކޮނޮމިކް މިނިސްޓްރީން އަންނަނީ ޖޫރިމަނާކުރަމުންނެވެ. އެގޮތުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެފަދަ 88 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.