ކ. އަތޮޅު ތުލުސްދު އާއި ށ. ފުނަދޫ ކައުންސިލް ހިންގުމާ މެދު، ސަރުކާރާއި ރައްޔިތުންނާ ދެމެދު އުފެދިފައިވާ މައްސަލައަށް، ޤާނޫނީ އިމުގެ ތެރެއިން މަޝްވަރާގެ އުޞޫލުން ވާހަކަ ދައްކައިގެން ސުލްހަވެރި އަވަސް ޙައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ހިއުމަންރައިޓްސް ކޮމިޝަނުން ގޮވާލައިފި އެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ތުލުސްދޫއަށް މިއަދު ކުރި ޒިޔާރަތަކަށް ފަހު ނެރުނު ނޫސްބަޔާނެއްގައި އެ ކޮމިޝަނުން ބުނެފައި ވަނީ، ކ. އަތޮޅު ކައުންސިލްގެ އިދާރާ ތުލުސްދޫއަށް، އަދި ށ. އަތޮޅު ކައުންސިލްގެ އިދާރާ ފުނަދުއަށް ބަދަލު ކުރި މައްސަލައިގައި، އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ބައެއް ފަރާތްތަކަށް އަނިޔާ ލިބިފައިވާތީ އާއި އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާތީ، އެކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ރަށްރަށުގައި ހިނގާ މިފަދަ ހަމަނުޖެހުންތަކުގައި ބައިވެރިވާ ފަރާތްތަކުން، ކުޑަކުދިން ގޮވައިގެން އެތަންތަނަށް ދިޔުމަކީ އޭގެ ސަބަބުން ކުޑަކުދިންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އަޚުލާޤީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަކަށްވާތީ އެއްވެސް ފަރާތަކުން އެފަދަ އަމަލުތައް ނުހިންގުމަށް ވެސް ކޮމިޝަނުން ވަނީ ގޮވައިލައިފަ އެވެ.

އަދި ރައްޔިތުން ބާރުވެރިކުރުވައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އިންތިޚާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަހެއްނެތި އެފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިވެފައި އޮތުމަކީ، އެ ނިޒާމްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުތަނަވަސްވެގެންދާނެ ކަމެއްކަމުގައި ކޮމިޝަނުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން މައްސަލަ ހައްލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އެކޮމިޝަނުން ވާހަކަ ދައްކަމުންދާ ކަމަށް ވެސް ހިއުމަންރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.