މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ގިނަބައެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުވާކުރަން ޕީޖީއަށް ފޮނުވާފައި ވަނީ 14 މީހެއްގެ މައްޗަށް ދައުވާ ކުރުމަށެވެ. އެ 14 މީހުންނަކީ:

  1. ގ. ބްލޫވޭވް ފަރުހަތު އަލީ (52 އަހަރު)

  2. ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަން
  3. މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް (35 އަހަރު)
  4. ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު (49 އަހަރު)
  5. ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ (30 އަހަރު)
  6. ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު (19 އަހަރު)
  7. ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް (48 އަހަރު)
  8. ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު (28 އަހަރު)
  9. މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް (19 އަހަރު)
  10. ގދ. ގައްދޫ ނީލޯފަރުމާގޭ އުމަރު ގާހިރު (20 އަހަރު)
  11. ނ. މިލަދޫ ނޫރާނީގޭ މުހައްމަދު އިގުބާލް (50 އަހަރު)
  12. ސ. ހުޅުދޫ އިރުވައި އަހްމަދު އުނައިސް (32 އަހަރު)
  13. ގ.ލަންކާ، އަބްދުﷲ މުފީދު (36 އަހަރު)
  14. ށ. ގޮއިދޫ، މަލާޒް، މުހައްމަދު ސިނާން (31 އަހަރު)

ފުލުސް މީހާއަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ އެ މީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ހޯދަން ފޮޓޯ އާއި ވީޑިއޯއާއެކު އިއުލާންކުރުމުންނެވެ. އެމީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ފުލުހުން އާންމު ކުރި ވީޑިއޯ އިން ފެންނަގޮތުގައި ފުލުސް މީހާ ޗާންދަނީމަގުން ދުއްވެފައި ދަނިކޮށް މީހަކު އޭނާ ބިންމައްޗަށް ވައްޓާލުމުން މުޒާހަރާގެ ބައިވެރިން ގޮސް އެކިތަކެތި ބޭނުންކޮށްގެންނާއި ފައިން ތަޅައި އޭނާއަށް ހަމަލާދޭ މަންޒަރު ފެނެއެވެ.

މޭޑޭ މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.