30 May 2015, 09:11
ގަވާއިދާ ހިލާފަށް އޭޝިއާއަށް އެތެރެކުރަން އުޅުނު ދެ ލައްކައަށް ވުރެ ގިނަ މިޔަރުގެ އުރަހަ އެކުއެޑޯގެ ފުލުހުން އަތުލައިގަންފި އެވެ.
ބާޒާރުގައި 1.5 މިލިއަން ޑޮލަރަށް ވިއްކާލެވޭނެ ކަމަށް ބެލެވޭ އެ ތަކެތި އަތުލައިގަނެފައި ވަނީ އެކުއެޑޯގެ މަނަބީ ޕްރޮވިންސްގެ ޕޯޓް ސިޓީއެއް ކަމަށްވާ މަންޓާގެ ނުވަ ތަނެއް ރޭޑްކޮށް އެ ގައުމުގެ ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ތަކެއްޗާ އެކު ދިރޭތަކެތީގެ ނަސްލަށް ގެއްލުން ދިން ކަމުގެ ކުށުގައި ޗައިނާގެ ރައްޔިތަކާ އެކު އެކުއެޑޯގެ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިކުއޭޑޯގެ އިންޓީރިއާ މިނިސްޓަރު ހޯޒޭ ސެރާނޯ ވިދާޅުވީ، އެ މިޔަރު އުރަހަތަކަށް ޓަކައި ގާތްގަނޑަކަށް 50،000 މިޔަރު މަރާލާފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ކަމާ ބެހޭ ވުޒާރާތަކުން މިޔަރު އުރަހައިގެ ވިޔަފާރި ކުރާ ބައިނަލްއަގްވާމީ ނެޓްވޯކެއް އަތުލައިގަތުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމިއްލަ އިގްތިސާދީ ފައިދާއާ މަންފާ އަށް އީކޯ ސިސްޓަމް ފުޑުފުޑުކުރުމަށް ޝައުގުވެރިވާ މިފަދަ ކުށްކުރާ ނެޓްވޯކްތައް ހުއްޓުމަކަށް ގެންނަން ޖެހޭ،" އިކުއޭޑޯގެ އިންޓީރިއާ މިނިސްޓަރު ސެރާނޯ ވިދާޅުވި އެވެ.
އިކުއޭޑޯގައި މިޔަރު މަސްވެރިކަމަކީ މަނާ ކަމަކަށްވީ ނަމަވެސް ނޭންގި ދަލުގައި ޖެހޭ މިޔަރު ވިއްކުމަކީ ހުއްދަކަމެކެވެ. މިޔަރު އުރަހަ ސޫޕަކީ އޭޝިއާގެ ގިނަ ގައުމުތަކުގައި، ހާއްސަކޮށް ޗައިނާގައި މަގްބޫލު ސަގާފީ ކެއުމެކެވެ. (ނޫސް އެޖެންސީތައް)