ބަލިމީހާ އުނދަގުލާއެކު އެނދުގައި އޮންނަ އިރު ނަރުހުންނަކީ އެ މީހުންނަށް "ބައްޔަކަށް" ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މެޑަމް ފާތުން ވިދާޅުވީ ނަރުހުންނަކީ މާޔޫސްވި ނަމަވެސް، މޫނުމަތިން އަބަދުވެސް ހިނިތުންވުން ދައްކައިދޭންޖެހޭ ބައެއް ކަމަށެވެ. ނަރުހުންނަކީ ދަތި އުނދަގޫ ވަގުތުތަކަކާ ކުރިމަތިލާންޖެހޭ ބައެއް ކަމަށް މެޑަމް ވިދާޅުވި އެވެ.

"ނަރުހުންނަކީ މަސައްކަތުގައި އުޅޭ ދަތި އުނދަގޫ ހިތްދަތި މާހައުލުގައި ވެސް މޫނުމަތިން ހިނިތުންވުމާ އުޖާލާކަން ފެންނަންޖެހޭ ބައެއް. މީގެ ސަބަބަކީ އުނދަގުލާ އެކު އެނދުގައި އޮންނަ ބަލިމީހާއަށް ނަރުހުންނަކީ އެމީހުންގެ ބައްޔަށް އިތުރު ބައްޔަކަށް ވިޔަ ނުދިނުން،" މެޑަމް ފާތުން ވިދާޅުވި އެވެ.

ނަރުހުންގެ ހިދުމަތަކީ ލިބޭ އުޖޫރައަކަށް ނުވަތަ ދެވޭ އިނާޔަތްތަކުން އަގުކުރެވޭ ހިދުމަތެއްކަމަށް ދެކިވަޑައިނުގަންނަ ކަމަށް މެޑަމް ވިދާޅުވި އެވެ. އެގޮތުން ނަރުހުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ނަރުހުންނާއެކު ކުރުމަށް ތައްޔާރަށް ހުރިކަމަށް މެޑަމް ވިދާޅުވި އެވެ.

"ނަރުހުންގެ މަސައްކަތަކީ ކެތްތެރިކަން އިސްކޮށްގެން ކުރަންޖެހޭ މަސައްކަތެއް. މަސައްކަތުގެ ކޮންމެ ދުވަހަކީ ގޮންޖެހުންތަކާ ކުރިމަތިވާނެ ދުވަހެއް. މި މަސައްކަތުގައި އުޅޭއިރު، ހިތްގައިމު ދުވަސްތައް އަންނަ ފަދައިން މާޔޫސްކަން އިހުސާސްކުރެވޭ އެތައް ދުވަހެއް އަންނާނެ. އެހެންކަމުން ނަރުހުންނަކީ ދަތި އުނދަގޫ މާހައުލުގައި ވެސް ކެތްތެރިކަން އިސްކޮށް މޫނުމަތިން އުޖާލާކަމާ ހިނިތުންވުން އަބަދު ފެންނަންޖެހޭ ބައެއް،" މެޑަމް ފާތުން ވިދާޅުވި އެވެ.

ނަރުހުން ކުރަމުން އަންނަ ބުރަ މަސައްކަތަކީ ގައުމީ އަދި އިންސާނިއްޔަތަށް ކޮށްދޭ ހިދުމަތެއްކަން ދަނެ، ނަރުހުންނަށް ޝުކުރު އަދާކުރުމަށް މެޑަމް އެދިލެއްވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އައިޖީއެމްއެޗް، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލުން އެއްވެސް ޑިއުޓީއަކަށް ގަޑިނުޖެހި، އެއްވެސް ދުވަހެއް ވައްޓާނުލައި ބަރާބަރަށް ޑިއުޓީއަށް ނުކުތް 48 ނަރުހަކަށް ވަނީ އެވޯޑް ދީފަ އެވެ.