ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަތުވެއްޖެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެ ދެ ޖޯޑު ރާއްޖެއަށް އައިސްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ. ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފާއެކު އެ ދެ މީހުންގެ އާއިލާގެ ބައެއް މެމްބަރުން ވެސް ރާއްޖެ އައެވެ.

ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އާއިލާގެ ބައެއް މެންބަރުން ކަމަށްވާ އިބްރާހިމް، ސޯހާ އަދި ކުނަލް އެވެ. އެއާޕޯޓުގައި ކަރީނާ އަދި ސައިފް އާއިލާއާ އެކު ފޮޓޯ ނަގާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ކައިރީގަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކަރީނާ އަދި ސައިފް ޗުއްޓީ ހޭދަކޮށްލުމަށް ގޮސްފައި ވަނީ ގއ. ފަޅުމާފުށީގައި ހިންގާ ރެސިޑެންސް މޯލްޑިވްސް އަށެވެ.

ޗުއްޓީއަށްފަހު އެ މީހުން އަނބުރާ ދާން ހަމަޖެހިފައި ވަނީ ޖޫން ތިނެއްގަ އެވެ.