29 May 2015, 14:12
ނިއުދިއްލީ (މޭ 29) : އިންޑިޔާގެ އެތައް ސްޓޭޓަކަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނުކަމުގެ ސަބަބުން ބަލިވެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު ގިނަކަމުން އިންޑިއާގެ ޑޮކްޓަރުންގެ ޗުއްޓީތައް ވަގުތީ ގޮތުން އުވާލައިފިކަން އިންޑިޔާގެ މައި ސަރުކާރުން އިޢްލާން ކޮށްފި އެވެ.
އިންޑިއާގެ ސިއްޙަތާ ބެހޭ ވުޒާރާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ހޫނުގެ ތޫފާނުގެ ސަބަބުން ބަލިވެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ޑޮކްޓަރުންގެ ޗުއްޓީތައް ވަގުތީ ގޮތުން އުވާލައި މިދުވަސްވަރު ޑޮކްޓަރުންނަށާއި ނަރުހުންނަށް ޗުއްޓީ ނުދިނުމަށް ޙާލުގައި ޖެހިފައިވާ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކަށް އަންގާފައިވާނެ ކަމުގަ އެވެ.
ހޫނުގެ ތޫފާން ކުރިމަތިވެފައިވާ އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކުގެ ހޮސްޕިޓަލްތައް ވަނީ ހޫނުގެ ސަބަބުން ބަލިވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން މުޅިން ތޮއްޖެހި ފުރިފަ އެވެ. އަދި ހޫނުގެ ސަބަބުން ބަލިވާމީހުންގެ އަދަދު ގިނަކަމުން ބައެއްމީހުން އަވަށްޓެރި ސްޓޭޓްތަކުގެ ހޮސްޕިޓަލަށްތަކަށް ފޮނުވުމުގެ މަސައްކަތް ސްޓޭޓްތަކުގެ ފެންވަރުގައާއި މައިސަރުކާރުގެ ފެންވަރުގައި ކުރެވެމުންދާކަމަށް އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ހޫނުގެ ތޫފާންގެ ސަބަބުން ދެހާހަށް ވުރެ ގިނަ މީހުން އިންޑިއާގައި މަރުވެފައިވާ އިރު މިކާރިސާ އާ ކުރިމަތިލުމުގައި އިންޑިޔާގެ މައިސަރުކާރާއި ސްޓޭޓްތަކުގެ ސަރުކާރުތަކުގެ ފަރުވާކުޑަކަމާއި އަޅާލުން ކުޑަކަމުން އާންމުންގެ ޝަކުވާތައް ވަނީ އިތުވެފަ އެވެ.
ހޫނުގެ ތޫފާންގައި ގިނައިން މަރުވެ އަދި ބަލިވަމުންދަނީ މަގުމަތީގައި ދިރިއުޅޭ ނިކަމެތި ފަގީރުންނާއި ގެދޮރުނެތް މީހުންނާއި އަވީގައި މަަސައްކަތް ކުރަންޖެހިފައިވާ މީހުންނެވެ. ބަލިވާ މިފަދަ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލްތަކަކީ ވެސް އެއަރކޯންކޮށްފައިނުވާ ވަރަށް ފެންވަރުދެރަ ހޮސްޕިޓަލްތައް ކަމުން ބަލިމީހުން އެނދުމަތިކޮށްފައި ތިބެނީ ވެސް ވަރަށް ހޫނު މާހައުލެއް ގަ އެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާގޮތުގައި އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ދައުރުވަމުންދާ ހޫނުގެ އޮއިވަރުތައް ފިލައިގެން ދިޔުމަށް އަދި ހައެއްކަ ދުވަސް ނަގާނެއެވެ. އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކަށް މީގެ ހަފްތާއެއްގެ ކުރިން ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދުވަނީ ދެހާހަށްވުރެ މައްޗަށް ގޮސްފައެވެ.
ފިނިހޫނުމިން 47 ޑިގްރީ ސެލްސިޔަސް އާއި 50 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ މިންވަރަކަށް މައްޗަށް ދިޔަ ސްޓޭޓްތަކުގެ ތެރޭގައި އަންދްރަ ޕްރަދޭޝް އާއި ދިއްލީއާއި ރާޖެސްތާނާއި ތަކަންގަނާ ސްޓޭޓް ހިމެނެއެވެ. އިންޑިޔާގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން 1995 ވަނައަހަރަށްފަހު މި ވަރުގެ ހޫނުކަމެއް އިންޑިޔާގެ ރައްޔިތުން ތަޙައްމަލް ކޮށްފައެއްނުވެއެވެ. (ބީބީސީ)