ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދުގެ ކުންފުނި، ސަން ސިޔާމް ރިސޯޓްސް އިން ލަންކާގައި އެ ކުންފުނީގެ ދެވަނަ ރިސޯޓެއް ހުޅުވަން ނިންމައިފި އެވެ.

ލަންކާގައި މިދިޔަ އަންގާރަ ދުވަހު ނިމިގެންދިޔަ ފަތުރުވެރިކަމުގެ ކޮންފަރެންސުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ސިޔާމު ވިދާޅުވީ، ރާއްޖޭން ބޭރުގައި ރާއްޖޭގެ ބްރޭންޑެއް އިޝްތިހާރުކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ކަހަލަ ކަސްޓަމަރުން ރާއްޖެއަށް ޒިޔާރަތްކުރާއިރު، އަޅުނގަޑުމެންނަށް މިހާރު ލިބިފައިވާ އެންމެ ބޮޑު ފުރުސަތަކީ ރާއްޖެއަށް މަރުހަބާ ކިޔާ ގައުމުތަކަށް ގޮސް ރާއްޖެ ތަމްސީލްކޮށްދޭނެ ފަދަ ރިސޯޓްތަކެއް ތަރައްގީ ކުރުން،" ސިޔާމް ވިދާޅުވި އެވެ.

ދިވެހިންގެ ތެރޭގައި މެހެމާންދާރީ އަދާކުރުމުގެ އަމިއްލަ ގޮތްތަކެއް ހުރިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، މެހެމާންދާރީއަށް މުޅި ދުނިޔެ އަށް މަޝްހޫރު ސްވިސް، އިންޑިއަން އަދި ތައި ފަދަ ގައުމުތަކާ އެއްގޮތަށް، ދިވެހި މެހެމާންދާރީއަށް ވެސް ދުނިޔޭގެ ކޮންމެ ސަރަހައްދަކުން ވެސް މަގުބޫލުކަން ހޯދިދާނެ ކަމަށެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، މިއީ މޫދު ކޮޓަރިއާއެކު ލަންކާގައި ރިސޯޓެއް ތަރައްގީ ކުރާ ފުރަތަމަ ފަހަރެވެ. އަދި އެ ރިސޯޓުން ވެސް ރާއްޖެ އާއި ލަންކާގެ ސަގާފަތް ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރިސޯޓާގުޅޭ އިތުރު އެއްވެސް ތަފްސީލެއް ސިޔާމް ކޮންފަރެންސްގައި އިއުލާނު ކުރައްވައިފައެއް ނުވެއެވެ.

ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން، ލަންކާގެ ހުޅަނގު އުތުރު ޕްރޮވިންސްގެ ޕުއްތަލަމް ޑިސްޓްރިކްޓުގައި ކޯމަސް ބެލުމަށް ފަތުރުވެރިންގެ މަގްބޫލުކަން އޮންނަ ކަލްޕިޓިޔާގައި ސަން ޓްރެވަލްސް އިން ތަރައްގީކުރަން ނިންމާފައިވާ ރިސޯޓުގައި މޫދު ކޮޓަރިތަކާއެކު 68 ކޮޓަރި ހިމެނޭނެ އެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުން، ކަލްޕިޓިޔާގެ ވެއްލައި އައިލެންޑުގައި ތަރައްގީ ކުރާ އެ ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރު އެވެ.

ސަން ސިޔާމް ގުރޫޕުގެ ދަށުން ރާއްޖޭގައި މިހާރުވެސް ތިން ރިސޯޓެއް ހިންގަމުންދާއިރު، އެ ކުންފުނިން ސްރީލަންކާގައި ހުޅުވި ފުރަތަމަ ރިސޯޓް، ސަން އަކުއާ ޕަސިކުޑާ ރިސޯޓް ހުޅުވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.