އޮލިމްޕިކް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި ހޮންކޮންގ އަތުން އެޤައުމުގައި 4-0ން ބަލިވިއަސް އަންނަމަހުގެ 9 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް ޤައުމީ ކޯޗު ބުނެފި އެވެ.
ޤައުމީ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ކުރުސިއާނީ ބުނީ ދެވަނަ ލެގުން މޮޅުވިއަސް އަނެއް ބުރަށް ދިޔުމުގެ މާބޮޑު އުުއްމީދެއް ނެތް ކަމަށެވެ.

"އެމެޗުން މޮޅުވެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް. ނަމަވެސް އަނެއް ބުރަށް ދިޔުމަށްޓަކާ ތަފާތު ބޮޑު ނަތީޖާއެއް ނެރެން ޖެހޭ. އެހެންވެ އެކަމުގެ އުއްމީދު ކުޑަ" މީގެ މަހެއްހާ ދުވަސްކުރިން ރާއްޖެ އައި ކޯޗު މިއަދު މެންދުރު އެފް އޭ އެމްގައި އޮތް ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ބުންޏެވެ.

ކޯޗު ބުނީ ރާއްޖޭގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިޓްނަސްގެ މައްސަލަ ކަމަށާއި މެޗުގެ މާކުރީކޮޅު ގޯލެއް ވަނުމަކީވެސް ތަފާތު ބޮޑުކޮށް ބަލިވާން ދިމާވި ސަބަބެއް ކަމަށެވެ.

23 އަހަރުންދަށުގެ ޓީމުތައް ވާދަކުރާ މުބާރާތާ ރާއްޖެ ކުރިމަތިލީއިރު ކުރިން އަހަރުތަކުގައި ކުޅުނު ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސީނިއަރ ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްވެސް ކުޅުންތެރިއަކު މިހާރުގެ 23 އަހަރުންދަށުގެ ޓީމަކު ނުހިމެނެއެވެ.

ޕްރިލިމިނަރީ ބުރު ހުރަސްކުރަން ބޭނުންނަމަ ރާއްޖެއަށް ޖެހޭނީ 5 ލަނޑުގެ ތަފާތަކުން ހޮންކޮންގ ބަލިކުރާށެވެ. އަދި ހޮންކޮންގ ޓީމު ގޯލެއް ޖަހައިފިނަމަ އިތުރަށް ދެ ގޯލުވެސް ޖަހަން ޖެހޭނެ އެވެ.