29 May 2015, 01:19
ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދެއް "ރިޕުލޭސް" ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަނިޔާވެރިކަން ނިންމަން މި ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސީ ހަރަކާތް ފެށިގެން ދިޔައީ ޖަލުންނާއި މަގުމަތިން ކަމަށެވެ. އަދި އެގޮތުގައި އެތައް ވާހަކައެއް ދައްކާފައިވާ ކަމަށާއި އެ ވާހަކަތައް ދައްކަން އެއް ޕާޓީއެއްގައި ހުރި ހަމައެކަނި މީހަކީ ރައީސް ނަޝީދު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ހެކި ވާނެ ކަމަށެވެ.
"ރައްޔިތުންނަށް ހައްގެކޭ މިކިއާ އެއްޗަކާ ޑިމޮކުރަސީއަކާ ފުލެޓެކޭ މިކިއާ އެއްޗަކާ ތިޔަބުނާ އިފުރަކާ ދަރަވަންދޫއާ ފުވައްމުލަކުގެ އެއާޕޯޓަށް ތަރައްގީ ލިބެންޖެހޭކަން މިއީ މުއްސަނދި ގައުމެއްކަން ދެއްކީ އޭނާ ޖަލަށް ގޮސް އޭނަ ކުރި މަސައްކަތުންނޭ އިނގޭތޯ. އަޅުގަނޑުމެން ސެލިއުޓު ކުރަމޭ އިނގޭތޯ ރައީސް ނަޝީދަށް. އެހެންވީމާ މި ދަންނަވަނީ ރައީސް ނަޝީދު ރިޕުލޭސް ކުރަން ނާންނާށޭ. ނުކުރެވޭނޭ. ނުކުރެވޭނެ ރިޕުލޭސް އެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ޕީޕީއެމް ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުން ވަކި ކުރެއްވި ޑރ. މަރިޔަމް ޝަކީލާ (މ) އިދިކޮޅު ހަރަކާތުގެ ޖަލްސާގައި: ސަން ފޮޓޯ/ އަލީ ނަސީރު
އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާ ކުރުމަށް ހުޅުވައިފައި ވާތީ އަލީ ވަހީދު ވަނީ ސަރުކާރަށް މަރުހަބާ ދަންނަވާފައި އެވެ.
ނަމަވެސް މަޝްވަރާގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހަޅާފައިވާ ނަންފުޅުތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު އޮތުމުން ސަރުކާރުން ވަނީ ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށް ވާތީ މަޝްވަރާގައި އެމަނިކުފާނު ބައިވެރި ނުކުރެވޭނެ ކަމަށް ވިދާޅުވެފައި އެވެ. އަދި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އެމްޑީޕީގެ ޖަވާބަކަށް މަޑުކުރާ ކަމަށް ބުނެފައި އެވެ.
މިރޭގެ ޖަލްސާގައި އަލީ ވަހީދު ވަނީ އެ މައްސަލައިގައި ސަރުކާރަށް ރައްދު ދެއްވާފައި އެވެ.
"ވަރަށް ސާފުކޮށް އެމްޑީޕީގެ ޗެއާ ޕާސަން އަޅުގަނޑު މި ޖަވާބު ދެނީ ސަރުކާރަށް. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޕުލޭސް ކޮށްފައި ދާނެ މަޝްވަރާއެއް އެމްޑީޕީއަކުން ނޯންނާނެ. މުހައްމަދު ނަޝީދަކާ ނުލައި މި އެމްޑީޕީއެއް ކުރިއަކަށް ނުގެންދެވޭނެ. ނުގެންދެވޭނެ އިނގޭތޯ. ދިވެހިރާއްޖޭގެ ސިޔާސީ މަސައްކަތެއް ވެސް މުހައްމަދު ނަޝީދަކާ ނުލައި ކުރިއަކަށް ނުދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް އޮންނާނީ މަޝްވަރާއަށް ތައްޔާރަށް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ކަމެއް ހައްލު ކުރުމަށް ވާހަކަ ދައްކައިގެން ހައްލު ވާނެ ކަމަށާއި ނަމަވެސް މަޝްވަރާއަށް ދިއުމުގެ ކުރިން ޝަރުތުތަކެއް ކުރުމަކީ މަޝްްވަރާގައި އޮންނަ އުސޫލުތަކެއް ނޫން ކަމަށެވެ.
މިރޭގެ ޖަލްސާގައި ހެލްތު މިނިސްޓަރު ކަމުން ވަކި ކުރެއްވި ޑރ. މަރިޔަމް ޝަކީލާ ވެސް ވަނީ ބައިވެރިވަޑައިގެންނެވި އެވެ.