ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ވައްޓާލައި ވެރިކަން ހޯދަން މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަނިޔާވެރިކަން ނިންމަން މި ނަމުގައި އާޓުފިޝަލް ބީޗުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އިމްރާން ވިދާޅުވީ އޭރު ވެސް އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ވަޑައިގަތުމަށް ސަރުކާރަށް އެތައް ފަހަރަކު ގޮވާލި ކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކުރުމުގައި ސަރުކާރުގެ އިހުލާސްތެރިކަން ހުރި ކަމަށްވާނަމަ އޭގެ ދެ ގުނަ އިހުލާސްތެރިކަން އިދިކޮޅު ފަރާތްތަކުން ދައްކައި ދޭނެ ކަމަށެވެ.

"އޭގެ ދެ ގުނަ އިހުލާސްތެރިކަން އަޅުގަނޑުމެން ދައްކާ މަޝްވަރާ ކޮށް މި ގައުމުގައި މިއަދު އޮތް ބޮޑު ޓެންޝަނު ނައްތާލައި ރައްޔިތުންނަށް ސުލުހަވެރި އަމާން ބާއްޖަވެރި އުފާވެރި ދިިރުއުޅުމެއް ހޯދައިދީ އަމާން ކަމާއި އެކު އަޅުގަނޑުމެން މިތިބީ ސަރުކާރާއެކު ކުރިއަށް ދާން. ސަރުކާރުގެ އިހުލާސްތެރިކަން އޮތް ކަމަށްވާނަމަ މި ހަފްތާ ފެށޭ ހިސާބު ފެށިގެން ކުރިއަށް ވަޑައިގަންނަވާ އިހުލާސްތެރިކަމާއެކު ކަމުގައި ކުރިއަށްދާނަން އެކަމުގައި އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތު ކަމުގައި،" އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ-- ސަން ފޮޓޯ/ އަލީ ނަސީރު

މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރުމަށް ފަހު، ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް އިމްރާން މިހާރު ވަނީ މިނިވަންކޮށްފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލު ބަންދަށް މީހަކު ބަދަލު ކުރުމަކުން ހައްގަށް މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއަށްވުރެއް ބޮޑަށް ހައްގުގެ މަގުގައި ހުރިހާ ފަރާތްތަކުން ވެސް ސާބިތު ކަމާއެކު ތިބެން ޖެހޭނެ ކަމަށެވެ.

"މޭޑޭގައި އަޅުގަނޑުމެން އެއްވެސް މީހަކު ނޭދޭ ނުވަތަ އުއްމީދު ނުކުރާ ބައެއް ކަންތައްތައް ހިނގުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން އަބަދު ވެސް ބުނާ ޝަރަފުވެރި ފަހުރުވެރި ފުލުހުންނަށާ އަޅުގަނޑުމެންގެ ހަމަ ބައެއް ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން ނޭދޭ އެތައް ގެއްލުންތަކެއް ލިބި އަޅުގަނޑުމެން ނޭދޭ ބައެއް ކަންތައްތައް ހިނގާފައިވީ ނަމަވެސް މޭޑޭ އަކީ ފުރިހަމަ ކާމިޔާބީއެއް އަޅުގަނޑުމެން ހޯދި ދުވަހެއް،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުމައްޗަށް ނުކުމެ އަޑު އުފުލައިގެން ވެސް ޖަލްސާތަކުގައި ތަފާތު އެކި ވާހަކަތައް ދައްކައިގެން ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ އެ މީހެއްގެ ހައްގު ދިފާއު ކުރުން ކަމަށެވެ. އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކުން އެއްވެސް މީހެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދާ ހަމައަށް ވެސް އެއްވެސް ރައްޔިތަކަށް ގެއްލުމެއް ދިނުމަށް އޭނާ ގޮވާލާފައި ނުވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ހަމަ މަގުން ކައްސާލަފައިވާ ގައުމެއްގެ މިސްރާބު ހަމަ މަގަށް އެޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.