ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމްކުރި ކީރިތި ޤުރުއާން ކިޔެވުމުގެ 30 ވަނަ ގައުމީ މުބާރާތް މިރޭ އިފްތިތާހުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެބުރާތް އިފްތިތާހު ކޮށްދެއްވީ ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމެވެ.

އިސްލާމިކް މިނިސްޓްރީއާއި ދައުލަތުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން އިނާމުތައް ހުށަހަޅާ މުބާރާތުގައި މިއަހަރު 798 ދަރިވަރުން ބައިވެރިވިއެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވަމުން އަންނަ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މި މުބާރާތުގެ ސަބަބުން ވަރަށް މޮޅަށް ޤުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅުން އުފެދިފައިވާ ކަމަށެވެ. އެއީ މުބާރާތުގެ ނަތީޖާ ރަނގަޅުކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"...އެހެންވީމާ މިމުބާރާތުގެ މުހިންމު ކަމާ އޭގެ ނަތީޖާ ވަރަށް ރީތިކޮށް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު ޢަބުދުލް ޢަޒީޒު ޙުސައިން ވިދާޅުވީ މިފަހަރުގެ މުބާރާތުގެ ހުރިހާ ކަމެއް ވެސް ކުރިއާ ތަފާތުވާނެ ކަމަށާއި އެގޮތުން ނަތީޖާތައް ބެލެހެއްޓުން ފަދަ ކަންތައްތައް ހުންނާނީ ކޮމްޕިއުޓަރައިޒްކޮށްފައި ކަމަށެވެ.

"...ހުރިހާ ކަމެއް ކޮމްޕިއުޓަރުގެ ޒަރިއްޔާއިން ކުރެވެމުން ދާނީ. އެ ނަތީޖާތައް އަޅުގަނޑުމެންގެ މައި މަރުކަޒަށް ޖަމާވަމުންދާނެ ވަގުތުން ވަގުތަށް. ވަގުތުން ވަގުތަށް ނަތީޖާ ހެދެމުން ދާނީ. އެހެންވީމާ މިއީ ވަރަށް ބޮޑު ފަސޭހައެއް އަދި އިންސާފަށް އޮތް ވަރަށް ބޮޑު މަގެއް،" އޭނާ ވިދާޅުވިއެވެ.