ތަޖިކިސްތާނުގެ ފުލުހުންގެ ހާއްސަ ފައުޖުގެ ވެރިޔާ ކާނަލް ގުލް މުރޯޑް ޚަލީމޯފް އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިއްޖެ އެވެ.

އެމެރިކާއިން ތަމްރީނުކޮށްފައިވާ ޚަލީމޯފް ގައުމުން ފިލީ މިދިޔަ އޭޕްރިލް މަހު ކަމަށާއި އޭނާ އައިއެސްއާ ގުޅުނުކަން ހާމަކުރީ ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯއެއްގައި ކަމަށް ބިޒްނަސް އިންސައިޑާ ނޫހުން ބުންޏެވެ.

ޚަލީމޯފް އާންމުކުރި ވީޑިއޯގައި އޭނާ ބުނެފައި އޭނާ އާއި އޭނާއާ އެކުގައި ތިބި ތަޖިކިސްތާނުގެ އެހެން މީހުން ތިބީ އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށް ގައުމަށް އެނބުރި ދިއުމަށް ކެތް މަދުވެފައި ކަމަށެވެ.

އައިއެސްއާ އެނޫން ވެސް ބައެއް ޖަމާއަތްތަކާ ބައިވެރި ވުމަށް ދުނިޔޭގެ އެތައް ގައުމަކުން މީހުން ދަނީ ސޫރިޔާއަށް ދަތުރުކުރަމުންނެވެ. އެގޮތުން ގޮސްފައިވާ މީހުންގެ ތެރޭގައި ކުރީގެ ސިފައިން ގިނަ އަދަދަކަށް ހިމެނެއެވެ. ނަމަވެސް ގައުމެއްގެ މިހާ އިސް މީހަކު އެ ޖަމާއަތާ ގުޅުނުކަން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.

އައިއެސް އިން ދަނީ ސޫރިޔާސަރުކާރާއި އިރާގު ސަރުކާރާއި ބައެއް ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ސޫރިޔާގެ ދެބައިކުޅަ އެއްބަޔާއި އިރާގުގެ ތިން ބައިކުޅަ އެއްބައި މިހާރު އޮތީ އައިއެސްގެ ބާރުގެ ދަށުގަ އެވެ.