29 May 2015, 10:23
ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް، މުސްލިމް ގައުމުތަކަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން އެގޮތައް ގޮވާލީ ކުވައިތުގައި އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 42 ވަނަ ސެޝަންގަ އެވެ. އެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ރަހުމް ކުރަން ކުރަން ޖެހޭ ކަމަށެވެ.
"...ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ރޯހިންޔާ މުސްލިމުންނަށް ރަޙުމްކޮށް، އޯގާތެރިކަން ދައްކަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިޔަންމާގެ ބުޑިސްޓުންގެ އުނދަގުލާއި ހެދި އެގައުމު ދޫކޮށް އެކި ގައުމުތަކަށް ހިޖުރަކުރަން މަސަތްކަތް ކުރަމުންދާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް ދަނީ ޣަރަގުވެ މަރުވަމުންނެވެ. އިންސާނުންގެ ވަގު ވިޔަފާރި ކުރާ މީހުންގެ ޝިކާރައަކަށް ވެސް އޭގެ ތެރެއިން ގިނަ ބަޔަކު ވެފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.
ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ މެދު ރާއްޖެއިން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭން ކަންބޮޑުވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އެގޮތުން ފަލަސްތީނުގައި އިސްރާއީލުން އާބާދީތައް ހަދަމުންދާ ދިއުން ރާއްޖެއިން ކުށްވެރި ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
"...ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް ތާއީދު ކުރުމަށާއި ފަލަސްތީނުގެ ބިމުގައި އެ ދައުލަތުގެ ސިޔާދަތު ގަބޫލު ކުރުމަށް ދިވެހި ރާއްޖެއިން ގޮވައިލަން،" އޭނާ ވިދާޅުވި އެވެ.